19:00


ރާއްޖޭގައި އުފެދިގެން އުޅޭ ސިޔާސީ ހަމަނުޖެހުންތައް ކުރިއަށްދާ ދިއުމުގައި، އެކަން ދެކޮޅުވެރިކަމާއި ތަޅާފޮޅުމާއި މާރާމާރީއަށް ބަދަލުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާކަމުގެ އިންޒާރު މަޓާޓޯން ދީފި އެވެ.


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް ނުވަތަ މަޓާޓޯން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށް ވީހިނދު، މި ވަގުތު ރާއްޖޭގައި އުފެދިގެން މިއުޅޭ ސިޔާސީ ބޮޑު ހަމަނުޖެހުމާއި ދެކޮޅުވެރިކަން، ތަޅާފޮޅުމަށާއި މާރާމާރީއަށް ބަދަލުވެގެންދާ ދިއުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރުކުރަން ފަށާފައިވާ ކަމަށެވެ.


މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވީ، ފަތުރުވެރިން ރާއްޖެ އަންނައިރު މިގައުމުގެ ސިޔާސީ މަސްރަހު ހުރި ގޮތުން އެކަމަށް ސަމާލުވެ، މާލެއާ އެކަހެރިވުމަށް އަންގާ ޓްރެވަލް އެޑްވައިޒަރީތައް އިނގިރޭސިވިލާތާއި ޖަރުމަނު ވިލާތުގެ ސަރުކާރުން ނެރެފައިވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ނާރެހަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށްވީއިރު، ފަތުރުވެރިން ރާއްޖެ އައުން މަދުވާ ކަހަލަ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ރިސޯޓުތަކަށާއި ޓުއަރ އޮޕަރޭޓަރުންނާއި އަދި އާއްމު ރައްޔިތުންނަށްވެސް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ރަމަޟާން މަސް ކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ރާއްޖެއަށް އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެއްޖެ ނަމަ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެހެންކަމުން، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހަމަނުޖެހުންތައް ވާހަކަދައްކައިގެން ހައްލުކުރުމަށް މަޓާޓޯން އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.


މަޓާޓޯން މިއަދު ނެރުނު ބަޔާނުގައި، އަވަށްޓެރި ގައުމުތަކުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ބަނަކަމުން ދިވެހިން ފިލާވަޅެއް ލިބިގަތުމަށާއި ފަތުރުވެރިކަމުގެ ސިނާއަތު ވެއްޓުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.