08 Feb 2022, 11:25
ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 36 ބިލެއް ހުށަހަޅަން ނިންމައި، އެ ބިލުތަކުގެ ލިސްޓު މަޖިލީހަށް ފޮނުވައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތައް ރައީސް އޮފީހުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު އާންމުކޮށްފައިވާ އެ ލިސްޓުގައި 36 ބިލެއް ހިމެނެ އެވެ.
އެ ލިސްޓުގައިވާ ގޮތުން އަލަށް 14 ގާނޫނެއް ހަދަން މަޖިލީހަށް ބިލު ހުށަހަޅަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލަކާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ކުންފުނީގެ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ޢާއިލާއާބެހޭ ބިލާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލުގެ އިތުރުން މޯލްޑިވްސް ހެލްތު ސާރވިސަސްގެ ބިލު ހިމެނެއެވެ.
ހަމައެހެންމެ ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލާއި ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ބިލާއި ކެމިކަލާއި ހަތިޔާރު މަނާކުރުމުގެ ބިލާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލުގެ އިތުރުން ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު ވެސް ހުށަހަޅަން ވަނީ ނިންމައިފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން 22 ގާނޫނަކަށް އިސްލާހު ގެންނަން ބިލުތައް ހުށަހަޅަންވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެއީ:
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު
- ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- އާބިޓްރޭޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ކްލައިމެޓް އިމަރޖެންސީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިހާރު ފަށައިފައިވާއިރު، މިހާރު ކުރިއަށް ދަނީ ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދިނުމަށް ފަނޑިޔާރުންނާ ބެހޭ ގާނޫނަށް ހުށަހަޅައިފައިވާ ބިލްގެ އިބްތިދާއީ ބަހުސެވެ.