08 Feb 2022, 11:48
ޗައިނާއާއި ރަޝިއާއިން ދާދިފަހުން ތަރައްގީކޮށް ތަޖްރިބާކޮށްފައިވާ އަޑަށް ވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލް ތަކުގެ ސަބަބުން ކުރިން އިންޒާރުދޭ އެމެރިކާގެ "އާލީ ވޯނިން ސިސްޓަމް" ގެ ބޭނުން ގާތްގަނޑަކަށް ކެނޑިފައިވާ ކަމަށާ މިކަމާމެދު އެމެރިކާ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.
ލަންޑަންގައި ނުކުންނަ "ފައިނޭންޝަލް ޓައިމްސް" ގައި ޝާއިޢުކޮށްފައިވާ މި ރިޕޯޓް ބުނާގޮތުން އަޑަށްވުރެ ފަސް ގުނަ އަދި ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލްތައް، ކުރިން އިންޒާރުދޭ އެމެރިކާގެ "އާލީ ވޯނިން ސިސްޓަމް" ގެ ބާރުގަދަ ސެޓަލައިޓްތަކަށާއި ބާރުގަދަ ރާޑަރުތަކަަކަށް ނާރައެވެ.

ޗައިނާގެ ހައިޕާ ސޮނިކް މިސައިލެއްގެ ޕްރިންޓް ވާޝަނެއް
މިދިޔަ އޮގަސްޓްމަހު ޗައިނާ އިން ތަޖްރިބާކުރި އަޑަށް ވުރެ ހަތަރު ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލް ތަޖްރިބާކުރިކަންވެސް އެމެރިކާއަށް އެނގުނީ އެ މިސައިލްގައި ހިމެނޭ ހަމަލާދޭބައި އެބާރުމިނުގައި ޗައިނާގެ މީހުން ނޫޅޭ ހަނަފަސް ބިމަކަށް ވައްޓާލުމުންނެވެ. އެ މިސައިލްގެ ހަމަލާދޭބައި ވައްޓާލުމުގެ ކުރިން އެމިސައިލްވަނީ ޖައްވުގައި ދުނިޔެ ވަށައިގެން އަޑަށްވުރެ ހަތަރު ގުނަ ބާރު މިނެއްގައި ބުރެއް ޖަހާފައެވެ.
ނަމަވެސް އެމެރިކާގެ "އާލީ ވޯނިން ސިސްޓަމް" ފަރުމާކޮށްފައިވަނީ އަޑަށްވުރެ ހަތަރު ގުނަ ބާރަށް ދަތުކުރާ މިސައިލްތައް ދެނެގަނެވޭވަރަށް ވުރެ ދަށުފެންވަރުގެ ޓެކްނޮލޮޖީއެއްގައި ކަމަށްވާތީ ޗައިނާއާއި ރަޝިއާގެ ޒަމާނީ ޓެކްނޮލޮޖީގެ ކުރިމަތީގައި އެމެރިކާގެ ސިސްޓަމްގެ ބޭނުމެއް މިހާރުނެތެވެ.

ރަޝިއާގެ ހައިޕާ ސޮނިކް މިސައިލެއްގެ ޕްރިންޓް ވާޝަނެއް
މަޝްހޫރު ހަޑްސަން އިންސްޓިޓިއުޓްގެ އެންމެ އިސް ރިސާޗަރ ވިލިޔަމް ޝްނައިޑަރ ތައްޔާރު ކުރެއްވި މި ރިޕޯޓް ބުނާގޮތުން އަޑަށްވުރެ އެއްގުނަ އަދި ދެގުނަ ބާރަށް ދަތުރުކުރާ މިސައިލްތަކާއި އެއަށްވުރެ މަޑުން ދަތުރުކުރާ މިސައިލްތައް ޑިޓެކްޓު ކުރުމުގެ ގާބިލްކަން އަދިވެސް އެމެރިކާގެ ކިބާގައި އެބަހުއްޓެވެ.
ޗައިނާއިން އަޑަށްވުރެ ހަތަރު ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލް ކާމިޔާބުކާއެކު ތަޖްރިބާކޮށް އެއަށްވުރެ ބާރަށް ދަތުރުކުރާ ޓެކްނޮލޮޖީގެ ރިސާޗްތައް ޗައިނާ ހަދަމުން ގެންދާއިރު މިދިޔަ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހު ރަޝިއާވަނީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ޒިރްކޯން މަރުކާގެ މިސައިލެއް ފުރަތަމަ ފަހަރަށް ތަޖްރިބާކޮށްފައެވެ. "ސްކައިފޯލް" ގެ ނަމުން މަޝްހޫރު މި މިސައިލްއަކީ ނިއުކްލިޔާ އެނާޖީން ދަތުރުކުރާ އަދި ނިއުކްލިޔާ ވޯހެޑް ހަރުކުރެވޭ މިސައިލް އެކެވެ. އޭގެ ރާސްތާއަށްވެސް ނިމުމެއްނެތެވެ. އަންލިމިޓެޑް އެވެ.

އެމެރިކާގެ އާލީ ވޯނިންގް ސިސްޓަމް މަސައްކަތް ކުރާގޮތް
"ފައިނޭންޝަލް ޓައިމްސް" ގެ ރިޕޯޓް ބުނާގޮތުން އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ މިބާވަތުގެ މިސައިލްތައް އުފެއްދުމުގައި ޗައިނާއާއި ރަޝިއާގެ ބޭނުމަކީ ނިއުކްލިޔާ ހަތިޔާރުން ހަމަލާދިނުމަށް އެތަކެތި ބޭނުންކުރުމެއް ނޫނެވެ. އޭގެބަދަލުގައި އެދެގައުމުގެ ބޭނުމަކީ އެމެރިކާގެ ދިފާއީ އައްޑަނައިގެ މައިގަނޑު ބޭސްކަމަށްވާ "އާލީ ވޯނިން ސިސްޓަމް" ގެ ބޭނުން ކަނޑުވާލައި އެއީ ޒަމާނާ ނުގުޅޭ އެއްޗަކަށް ހެދުމެވެ.
އެމެރިކާގެ "އާލީ ވޯނިން ސިސްޓަމް" އެލެވިގެންވަނީ ބަލިސްޓިކް މިސައިލް ގެ ހަރަކާތްތައް ދުރާލައި ދެނެގަތުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ސެޓަލައިޓް ތަކާއި ރާޑަރުތަކުގެ މައްޗަށެވެ. "އާލީ ވޯނިން ސިސްޓަމް" އަކީ ސްޕެޝަލް ކޮމާންޑް އެންޑް ކޮންޓްރޯލް ގެ އިތުރުން ދުޝްމަނުންގެ މިސައިލްތައް ދުރާލައި ދެނެގަނެ މިސައިލްތައް ހަރަކާތްކުރަން ފެށުމުގެ ކުރިންނާއި ހަރަކާތް ކުރަން ފެށުމުން އޭގެ ރާސްތާއާއި އެ ސަތުރުކުރާ މިސްރާބާއި ވާސިލްވާނެކަމަށް ބެލެވޭ އަމާޒުތައް ދެނެގަތުމުގެ ބާރުގަދަ ކޮމިއުނިކޭޝަންސް ސިސްޓަމްތައްވެސް ހިމެނޭ ނިޒާމެކެވެ.

އެމެރިކާގެ އާލީ ވޯނިން ސިސްޓަމް ގެ ތަސައްވުރެއް
ޗައިނާއާއި ރަޝިއާއިން ތަޖްރިބާކުރި އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުކުރާ މިފެންވަރުގެ ހައިޕާ ސޮނިކް މިސައިލްތައް އަދި އެމެރިކާއަށް އުފެއްދިފައެއް ނުވެއެވެ. ހައިޕާ ސޮނިކް މިސައިލް އުފެއްދުމަށް މިހާތަނަށް އެމެރިކާ ކުރި މަސައްކަތްތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.
ސްޓްރެޓީޖިކް ރިޕޯޓްތައް ބުނާގޮތުން ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީއާއެކު ދުނިޔޭގެ އަސްކަރީ މަސްރަހުގައި ޗައިނާއާއި ރަޝިއާގެ ބާރު އިންތިހާއަށް ގަދަވެގެންދާނެއެވެ. އަދި އެމެރިކާ ޗައިނާއާއި ރަޝިއާގެ ޓެކްނޮލޮޖީ ދެކެ ކުރިޔަށްވުރެ މާބޮޑަށް ޖެހިލުންވާނެއެވެ. ސަބަބަކީ މިއީ ސްޓްރެޓީޖިކް ޓެކްނޮލޮޖީގައި އެމެރިކާގެ މައްޗަށް ޗައިނާއާއި ރަޝިއާ ކުރިހޯދުން ކަމަށްވާތީއެވެ.
ޗައިނާގެ ހައިޕާ ސޮނިކް ޓެކްނޮލޮޖީއާބެހޭގޮތުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ގެ ނައިބު އަދި އެމެރިކާ ސިފައިންގެ ދެވަނައަށް އެންމެ އިސް އޮފްސަރު ޖެނެރަލް ޖޯން ހީޓެން މިދޔަ އަހަރު ވިދާޅުވެފައިވާގޮތުގައި ޗައިނާގެ ހައިޕާ ސޮނިކް ރޮކެޓް ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވަނީ ޗައިނާ ރައްޔިތުންނަށް ހަމަލާ ދޭކަށް ނޫނެވެ. ހަނގުރާމައެއް ފެށިއްޖެނަމަ އޭނާގެ ޝިކާރައަކަށް ވެގެންދާނީ އެމެރިކާކަން އޭނާވަނީ ފާހަގަ ކުރައްވާފައެވެ.
ޗައިނާއާއި ރަޝިއާގެ ހައިޕާ އަދި ސުޕާ ސޮނިކް ޓެންނޮލޮޖީއަށް ބަލާފައި އެމެރިކާ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ އަޑަށް ވުރެ 5 ބާރަށް ދަތުރުކުރާ ސުޕާސޮނިކް މިސައިލެއް އުފެއްދުމުގެ މަސައްކަތެވެ. މިމިސައިލްގެ ގެ އަޖުމަބެލުމުގެ ތަޖްރިބާ ކުރާނެ ވަގުތެއްގެ އިންތިޒާރުގައި އެމެރިކާ ގެ ވެރިން ތިއްބެވި ކަމަށްވަނީ ކެތްމަދުވެފައެވެ.
ނަމަވެސް މިވަރުން އެމެރިކާގެ ކަންބޮޑުވުން ހުއްޓުމަކަށް ނާންނާނެއެވެ. "ލޯބްސް" މަޖައްލާ ބުނާގޮތުން އެމެރިކާގެ ކަންބޮޑުވުމަކީ އެމެރިކާއަށް ވަދަކުރަން އުނދަނގޫ ޓެކްނޮލޮޖީތައް މުސްތަގްބަލްގައި ޗައިނާ ތަރައްގީ ކުރާނެތީއެވެ.