08 Feb 2022, 09:42
ހުޅުމާލޭ ބީޗް ފްރަންޓުން ވިއްކާ 26 ގޯތީގެ ބީލަން ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯތި ވިއްކުމަށެވެ.
އޭގެ ތެރެއިން މާދަމާ ބީލަމަށް ހުށަހެޅުން އޮންނާނީ ބީޗް ފްރަންޓްގެ ގޯތިތަކަށެެވެ.
އެޗްޑީސީން ބުނީ ބީލަން ފޯމު ބަލައިގަތުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 12:00 އަށް ހ. މީރުމާ އިވެންޓްސް ގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ މާދަމާ މެންދުރު 13:00 ގައި، ހ. މީރުމާ އިވެންޓްސްގެ ފަސް ވަނަ ފަންގިފިލާގައެވެ.
ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެކަކަށް ކަމަށާއި ބީލަމަށް ހާޒިރުވާ މީހުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ބިޑް ހުށަހަޅާ މީހާގެ ބަދަލުގައި އެހެން މީހެއް ބީލަން ފޯމު ހުށަހަޅަން ދާނަމަ ޕަވާ އޮފް އެޓާނީ ގެންދިއުމަށް އެޗްޑީސީން ވަނީ ހަނދާންކޮށްދީފައެވެ.
ބީޗް ފްރަންޓުން ގޯތި ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގު ކަމަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ، އަކަފޫޓަކަށް 3،900 ރުފިޔާއެވެ. އަދި ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާއަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ، ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނަގާނީ 320،000 ރުފިޔާ ކަމަށެވެ.
އެޗްޑީސީން ބުނީ މިފަހަރު ބިން ގަންނަން ހުޅުވާލި ފުރުސަތުގައި އަލަށް ބިން ގަންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ މީހުންނަށް ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި 60 ގޯތީގެ ތެރެއިން ބީޗް ސައިޑުން ވިއްކާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގައެވެ.