ސްރީލަންކާގެ ކޮލަމްބޯއިން މާލެއަށް އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ރަންވޭގައި ތާށިވުމުގެ ސަބަބުން އެވަގުތު ލަންޑަނުން މާލެ އައި ސްރީލަންކަން އެއާލައިންސްގެ ބޯޓަކަށް ރަންވޭގައި ޖެއްސޭގޮތް ނުވެގެން ކޮލަމްބޯއަށް ގޮސްފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮފިޝަލް އަލީ މުހަންމަދު މަނިކު (އެއާލަންކާ އަލިބެ) މިއަދު ވިދާޅުވީ މިއަދު މެންދުރު ކޮލަމްބޯއިން މާލެ އައި ސްރީލަންކަން އެއާލައިންސްގެ ބޯޓު "ޔޫއެލް 509" ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގައި ބޯޓު ކުޑަވަގުތު ކޮޅަކަށް ރަންވޭ މަތީގައި ތާށިވި ކަމަށެވެ. އެ ވަގުތު ލަންޑަނުން މާލެ އައި ސްރީލަންކަންގެ "ޔޫއެލް 510" ބޯޓު ރަންވޭގައި ނުޖެއްސޭނެތީ ބޯޓުގެ ޕައިލެޓުން ނިންމީ ކޮލަމްބޯއަށް ދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފްލައިޓް އިނީ އޭރު ފައިނަލް އެޕްރޯޗުގައި. އަންނަމުން އަންނަމުން ޓަވަރުން ބުނީ އެބަ އޮތޭ ޑިސޭބްލް ބޯޓެއް ރަންވޭގައި. އެކަމަކު އޭރު އެ ބޯޓު އޮޕަރޭޓްކުރަން ތިބި ޕައިލެޓުން ނިންމީ ޑިސޭބުލް އެއާކުރާފްޓެއް އޮތިއްޔާ ކިތަންމެ ވަގުތެއް ވެސް ނަގާފާނޭ. އެމީހުން އެހެންވެ ހުރި ތެލުގައި ހިފަހައްޓާފައި އިތުރަށް ފިއުލް ބޭނުންވެދާނެ ކަމަށް ބަލާފައި އެމީހުން އެކޮޅަށް ޑައިރެކްޓް ކުރީ. އެއީ 10 ގަޑިއިރުގެ ފުލައިކޮށްފައި ތިބީމާ ކެޕްޓަނުން ވެސް ތިބޭނީ ވަރުބަލިވެފައި،" އަލިބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލައިޓްގެ ޝެޑިއުލް ބަދަލުވުމުން ސްރީލަންކާ އެއާލައިންސް އިން ވަނީ އެ ބޯޓުތަކުން ދަތުރުކުރާ މީހުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފައިކަމަށާއި ނުފުރުފައި ތިބި މީހުންނަށް މިރޭގެ ފްލައިޓުން ޖާގަ ލިބޭނެ ކަމަށެވެ.

އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ސްރީލަންކަންގެ ބޯޓު ރަންވޭގައި ތާށިވުމުން ރަންވޭ 10 ވަރަކަށް މިނެޓަށް ބަންދުކޮށްލަން ޖެހުނު ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ ފުލައިޓަށް ދިމާވީ ސީރިއަސް މައްސަލައެއް ނޫން ކަމަށެވެ.