08 Feb 2022, 03:17
ބަންގްލަދޭޝްހެ ގައުމީ ޓީމާއި ރާއްޖޭގެ ގައުމީ ޓީމާ ދެމެދު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ ބަންގްލަދޭޝް އިން ފުރަތަމަ ސެޓު ގެންގޮސްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެންނެވެ.
މިއީ 2016 ވަނަ އަހަރުގެ ފަހުން ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކުރި ފުރަތަމަ ފަހަރެވެ. 2016، 2018 އަދި މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ބަންގްލަދޭޝް އާ ދެކޮޅަށް ރާއްޖެއިން ކުޅުނު ނަމަވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.
ރާއްޖެއިން މިރޭ ތާރީޚީ ކާމިޔާބެއް ހޯދިއިރު، ޓީމުގެ ކޯޗަކަށް ހުރީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ރާއްޖެ އަދި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން
ރޭގެ މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ބަންގްލަދޭޝްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ނަމަވެސް ރާއްޖޭގެ ޓިމުން ދިޔައީ މަޑުމަޑުން ކުޅުން ރަނގަޅު ކޮށް ވަރުގަދަ ހަމަލާތަކެއް އުފައްދަމުންނެވެ. ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝްއިން ފުރަތަަމަ ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ.
ޖެހިގެން އައި ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ބަންގްލަދޭޝްއަށް ރަނގަޅު ފައިޓެއް ދިނެވެ. ރާއްޖޭން މި ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.
ތިން ވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-20 އިންނެވެ. މި ސެޓުގައި ވެސް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކާއްޓޭ) އަދި ހުޒާމް (ހުޒަންޓޭ) ގެ ބާރު ހަމަލާތަކެެއް ފެނުނެވެ.

ރާއްޖެ އަދި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން
އެއް ސެޓުގެ ލީޑެއްގައި އޮވެ އިތުބާރާއެކު ތިން ވަނަ ސެޓު ހޯދަން ނިކުތް ރާއްޖެއިން ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކުރީ ވާދަވެރު ކުޅުމަކަށްފަހުއެވެ. މި ސެޓުގައި ވެސް ރާއްޖެއިން ހަމަލާތަކެއް އުފެއްދިއެވެ. އަދި ބަންގްލަދޭޝް ޓީމުން އުފެއްދި ގިނަ ހަމަލާތައް ރާއްޖޭގެ ބްލޮކަރުން ހުށިޔާރުކަމާއެކު ހުއްޓުވިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ބަންގްލަދޭޝް ޓީމާ ރާއްޖެއާ ދެކޮޅަށް ތިން މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުން މިރޭ މޮޅުވިއިރު، ދެ ވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގައެވެ. އަދި ފަހު މެޗު އޮތީ ހުކުރު ދުވަހުގެ ރޭއެވެ.