07 Feb 2022, 21:41
ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ތަމްރީނުތައް ހިންގާ މައި މަރުކަޒު ހުންނަ ކ. ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފިއެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްވެގެންދާކަމީ، ދިވެހި ގައުމީ ދިފާއީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަމަށެވެ. އަދި މަޝްރޫއު ފެށުމަކީ ސިފައިންނަކީ ފަންނީ، ގާބިލް، ޕްރޮފެޝަނަލް، ހުރިހާ ޙާލަތަކާ ވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ، "ފައިޓިންގ ފިޓް" ފޯރސްއަކަށް ހައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ ގިރިފުށްޓަކީ ދިވެހި ސިފައިންގެ ހުރިހާ ކެރިއާ ކޯސްތަކާއި އެހެނިހެން ކޯސްތަކާއި ތަފާތު ތަމްރީނުތައް ހިންގާ މުހިއްމު މަރުކަޒެއް ކަމަށާއި، އެހެންކަމުން، ގިރިފުއްޓަކީ ވީރާނާވާން ދޫކޮށް ލެވޭނެ ތަނެއް ނޫންކަމުގައެވެ.
ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުއަކީ، 1998 ވަނަ އަހަރުން ފެށިގެން ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔުންކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ބަނދަރު އަޕްގުރޭޑް ނުކުރެވި އޮތުމުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ރަށަށް އަރާފޭބުމުގައި ހުރި ދަތިތަކާއި، ބޭރު ތޮށި އެހެން އޮތުމުން ހިންގަން ޖެހޭ ބައެއް ތަމްރީނުތައް ނުހިންގުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އަންނަ ޖުލައި މަހުގެ ކުރިން ނިންމައި ޑިފެންސް މިނިސްޓްރީއާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.