07 Feb 2022, 21:38
ޝަރީއަތްތަކުގެ އަޑުއެހުންތައް ލައިވް ނުކުރެވެނީ އައިޓީ އޮފިސަރެއް ނެތުމުންކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން މުހައްމަދު ނަޖީބު "ސަން"އަށް މިރޭ ވިދާޅުވީ ޝަރީއަތްތައް ލައިވް ނުކުރެވެނީ އެކަމަށް ބޭނުންވާ އާލާތްތައް ނެތުމުން ނޫންކަމަށެވެ.
ޝަރީއަތްތައް ލައިވްކުރާނެ އާލާތްތައް ހުރި ނަމަވެސް އެ އެއްޗެހި ބޭނުންކުރާނެ މުވައްޒަފުން މިވަގުތު އެ ކޯޓުގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަތުގައި ވަސީލަތްތައް އެބަހުރި. އެހެންނަމަވެސް އިންސާނީ ވަސީލަތްތައް ނެތީމާ މިވަގުތު ލައިވް ނުކުރެވިގެން މި އުޅެނީ،" އަމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްކުރާނެ އައީޓީ އޮފިސަރެއް ހޯދުމަށް އެ ކޯޓުން މަސައްކަތް ކުރާ ކަމަށާއި، ޖެނުއަރީ މަހާ ހަމައަށް ވެސް އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު އިތުރުކުރި ކަމަށެވެ.
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ލައިވް ކުރުމަށް އެމަނިކުފާނުގެ ފަރާތުން ވަނީ އެދިވަޑައިގަންފައެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ އިސް ގަޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ކުރެވޭނެ ވަސީލަތްތައް މިވަގުތު އެ ކޯޓުގައި ގައިމްކުރެވިފައި ނެތް ކަމަށެވެ.
ލައިވްކުރެވޭނެ ވަސީލަތްތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ ލައިވްކުރައްވާނެ ކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިދާރީ ބައެއް ދަތިތަކުގެ ސަބަބުން ވެސް އަޑުއެހުންތައް ލައިވްކުރުމަށް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުން ޓީވީ ޗެނަލްތަކުން ލައިވްކޮށްފައިވެއެވެ. އެ މައްސަލަ ލައިވްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން ޕަބްލިކް ސާވިސް މީޑިއާގެ އެހީތެރިކަމާއެކުއެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ޓީވީން ލައިވްކުރި ޝަރީއަތުގެ އަޑުއެހުމެވެ.