އިންޑިޔާގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ ކިންގްފިޝާގެ ޕައިލޮޓުން މިއަދު މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރުމުން އެ އެއާލައިންގެ 40 ފްލައިޓެއް މިއަދު ކެންސަލްކޮށްފި އެވެ.

ކިންގް ފިޝާ އެއާލައިންގެ ޕައިލެޓުން އިހުތިޖާޖުކުރަން ފެށީ މުސާރަ ދިނުން ލަސްވެގެން ކަމަށް އެ ކުންފުންޏާ ހަވާލާދީ ދަ ޓައިމްސް އޮފް އިންޑިޔާ ބުންޏެވެ.

އެ ނޫހުން ބުނީ މުސާރަ ނުލިބި ލަސްވާތީ ކިންގްފިޝާގެ ގިނަ އަދަދެއްގެ ޕައިލެޓުން ވަޒީފާ އަށް ހާޒިރުނުވާތާ މިހާރު ހަފުތާތަކެއް ވެއްޖެ ކަމަށެވެ.

ކެންސަލް ކުރި ފްލައިޓްތަކުގެ ތެރޭގައި ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީ އަށް ދަތުރުކުރަން އޮތް 11 ފްލައިޓް ހިމެނޭ ކަމަށް ޓައިމްސް އޮފް އިންޑިޔާ ބުންޏެވެ.

ކިންގްފިޝާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި މިހާރު ވެސް 80 ޕަސެންޓް ދަތުރުތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހުރިހާ ދަތުރުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ކިންގްފިޝާގެ ދަރަނި މިހާރު 1.3 ބިލިޔަ ޑޮލަރަށް އަރާފައިވާ އިރު އެ އެއާލައިންގެ ދަތުރުތައް ނުހުއްޓި ކުރިއަށް ދިއުމަށް މިހާރުން މިހާރަށް ވެސް 400 މިލިޔަން ޑޮލަރު ބޭނުންވެ އެވެ.