07 Feb 2022, 20:59
ރާއްޖޭގައި ތިބެގެން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ސްޓޫޑެންޓު ލޯނު ދޫކުރުމަށް ހަޔާ އެޑުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖޭގައި މާސްޓާސް ހަދާ ގިނަ ދަރިވަރުންތަކެއް ތިބިކަމަށެވެ.
މާސްޓާސް ހަދާގިނަ ދަރިވަރުންތަކެއް ރާއްޖޭގައި ތިބުމާއެކު ސަރުކާރުން އެ ދަރިވަރުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ފުރުސަތު ފަހިކޮށްދީފައިމިވަނީ ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔަވަމުންދާތީއާއި، ކޮވިޑްގެ މި ދުވަސްވަރު ރާއްޖޭން ބޭރަށް ދިޔުން ގިނަ ދަރިވަރުންނަށް އުނދަގޫވެފައި ވާތީ،" އިބްރާހިމް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން، ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު ކުޑަކޮށް، މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު 720 ލޯނުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއަދު އިއުލާނުކޮށްފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.
ހަމައެހެންމެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލޯނަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ އެ ކުދިންގެ ކޯސް ފީގެ އިތުރުން ކުރަން ޖެހޭ އިތުރު ހަރަދުތައް ކުރުމަށް ޓަކައި ގެނެވޭ ބަދަލެއް ކަން ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ސްލޮޓު ވަނީ ރިޒާވްކޮށްފައެވެ.
މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 01:00 އަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް 720 ފުރުސަތު ހުޅުވާލާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވައިފައެވެ.