ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އަރުވައިފިއެވެ.

މި އިއްޒަތް ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް އެރުވީ، މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އިއްޒަތް އެމަނިކުފާނަށް އެރުވީ ރާއްޖެއާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހި ކުރުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް، މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ.

މިއީ މީލާދީން 1585ން ފަށައިގެން 1609އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.