07 Feb 2022, 15:16
އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކެމީލާއަށް 'ކުއިން ކޮންސޯޓް'ގެ ލަގަބު އަރުވަން ބޭނުންފުޅުވެވަޑައިގަންނަވާކަމަށް ރާނީ އެލިޒަބެތު ވިދާޅުވެއްޖެ އެވެ.
ރާނީ އެލިޒަބެތު މިފަދައިން ވިދާޅުވެފައިވަނީ އެކަމަނާ އިނގިރޭސި ތަހުތުގައި ރަނިކަން ކުރައްވާތާ 70 އަހަރު ފުރުނު މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ފޮނުއްވި ބަޔާނެއްގައެވެ.
"އަޅުގަނޑުގެ ދަރިފުޅު ޗާލްސް ރަސްގެފާނަކަށްވާ ދުވަހަކުން، މިއަދު ތިޔަ ބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވާ އެހީތެރިކަމާއި ތާއީދު، އޭނާ އަށާއި އޭނާގެ އަނބިކަނބަލުންނަށް ވެސް ދެއްވާނެ ކަން އަޅުގަނޑަށް އެނގޭ،" ރާނީ ވިދާޅުވި އެވެ.
"އަދި އެ ވަގުތު ޖެހިއްޖެ ނަމަ، އެކަމަނާގެ ވަފާތެރި ޚިދުމަތްތައް ދަމަހައްޓަމުންދާއިރު، އެކަމަނާ އަށް ރާނީގެ ލަގަބު ދިނުމަކީ އަޅުގަނޑުގެ ވަރަށް އިހުލާސްތެރި އެދުމެއް،" ރާނީގެ ބަޔާނުގައިވެއެވެ.
ޗާލްސް އާއި ކެމީލާ ވަނީ ރާނީގެ މި ބަސްފުޅުތަކުން އުފާވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ރާނީ އެލިޒަބެތު ގައުމަށް ކޮށްދެއްވާ އަގުހުރި މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.
ރާނީގެ މި ބަޔާނުގައި އެކަމަނާ ވަނީ ޕްރިންސް ފިލިޕް އެކަމަނާއަށް ދެއްވި ހިތްވަރުވެސް ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ރައްޔިތުންނާއި ކޮމަންވެލްތުގެ ރައްޔިތުން އެކަމަނާއަށް ދެއްވާ ލޯބި ފާހަގަކޮށް، އެކަމަނާ ވަނީ ޝުކުރު ދަންނަވާފައެވެ.
ރާނީ އެލިޒަބެތަށް އިނގިރޭސި ތަހުތު ވެޑުވީ ފެބްރުއަރީ ހަޔެއް، 1952 ވަނަ އަހަރު އެކަމަނާގެ ބައްޕާފުޅު، ރަސްގެފާން ޖޯޖް އަވަހާރަވުމާ ގުޅިގެންނެވެ.
މިހާރުވެސް އެކަމަނާއަކީ 15 ގައުމެއްގެ ރާނީއެވެ. މި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި، ކެނެޑާއާއި، އޮސްޓްރޭލިއާ އަދި ނިއުޒިލެންޑު ހިމެނެއެވެ.
އެކަމަނާގެ 70 އަހަރުގެ ރަނިކަމުގައި އިނގިރޭސި ސަރުކާރު ހިންގެވުމާ 14 ބޮޑުވަޒީރުން ހަވާލުވެވަޑައިގެންނެވިއެވެ.
ރާނީގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް އޮންނާނީ ޖޫން މަހުގައެވެ. އެއީ އެކަމަނާ ރަނިކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ދުވަހާ ދިމާކޮށް ބާއްވާ ހަރަކާތްތަކެވެ.