07 Feb 2022, 15:12
އީރާނުގެ ނިއުކްލިއާ ރިއެކްޓަރުތަކުގައި ހިންގާ މަދަނީ ކަންކަމުގައި ބައިވެރިވާ ރަޝިޔާ، ޗައިނާ އަދި ޔޫރަޕްގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ނޭޅުމަށް އެމެރިކާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނަމަވެސް އެއީ ނުބައި ރޭވުމެއްގެ ދަށުން އެމެރިކާ ނިންމި ނިންމުމެއް ކަމަށް އީރާނުން ވަނީ ސިފަކޮށްފައެވެ.
އީރާނުގެ ޕާލަމެންޓްގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން ބުނީ 2015 ވަނަ އަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަކީ އީރާނުގެ އެންމެ ބޮޑުއެދުންކަމަށްވާއިރު މިކަމާމެދު ގޮތެއް ނުނިންމައި ހަމައެކަނި ނިއުކްލިއާ ރިއެކްޓަރުތަކުގައި ހިންގާ މަދަނީ ކަންކަމުގައި ބައިވެރިވާ ބޭރުގެ ކުންފުނިތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ ނިންމި ނިންމުމަކީ މަކަރުވެރި ނިންމުމެއްކަމަށް ބެލެވޭކަމުގައެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވީ 2018 ވަނައަހަރު އެކަހެރިގޮތެއްގައެވެ. އޭގެކުރިން އެމެރިކާވަނީ އެއެއްބަސްވުމާ ޚިލާފަށް އީރާނާދެކޮޅަށް މާލީގޮތުންނާއި އިގްތިސާދީގޮތުން ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކެއް އަޅާފައެވެ.

ވިއެނާގައި ކުރިޔަށްދާ އީރާނާއި އެމެރިކާގެ ނިއުކްލިޔާ ވާހަކަތައް
މިކަންކަމާ ދެކޮޅު ހެދުމުގެ ގޮތުން އީރާނުންވެސްވަނީ އެއެއްބަސްވުމާ ޚިލާފަށް ނިއުކްލިޔާ ގިނަ ހަރަކާތްތަކެއް އަލުން ފަށާފައެވެ. އޭގެތެރޭގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް މަގުފަހިވާ ފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމާއި ނިއުކްލިޔާ އިތުރު ފެސިލިޓީތައް ގާއިމްކުރުމާއި އެތަންތަން ބަލައިފާސްކުރުމުގެ ފުރުސަތު ނުދިނުމާއި ނިއުކްލިޔާ ހަރަކާތްތައް ސިއްރުކުރުން ހިމެނެއެވެ.
މިދިޔަ އަހަރުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު ކުރިޔަށްދަނީ އެމެރިކާ އަލުން އެނބުރި ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވުމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ވާހަކަތަކާ އަދި މީގެއިތުރުން ނިއުކްލިޔާ އެއްބަސްވުމަށް އީރާންވެސް ފުރިހަމައަށް އަމަލުކުރުމުގެ ވާހަކަތަކެވެ.
އީރާން ބުނާގޮތުން ނިއުކްލިޔާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރެވޭނީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމުންނާ އަދި އެމެރިކާއިން ދެވަނަ ފަހަރަށް ނިއުކްލިޔާ އެއްބަސްވުމުން ވަކިނުވާނެކަމުގެ ގެރެންޓީ ދިނުމުންނެވެ.
މިވާހަކަތަކަށް އަހަރެއްވާން ގާތްވެފައިވާއިރު މިކަމަށް ކުޑަނަމަވެސް ކުރިއެރުންތަކެއްވެސް ވަނީ ލިބިފައެވެ. އޭގެތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑުބައި އުވާލުމަށް އެމެރިކާ އެއްބަސްވުމާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ދުނިޔޭގެ އެކިގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ބޮޑުބައެއް އީރާނަށް އަނބުރައި ލިބޭނެގޮތް ހެދުން ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން 2015 ވަނައަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވުމާބެހޭ އެއްބަސްވުމުގެ ޑްރާފްޓް މިހާރުވަނީ އެކުލަވާލާފައެވެ. ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު މާދަމާ މިވާހަކަތައް ވިއެނާގައި އަލުން ފެށުމަށް ހަމަޖެހިފައިވާއިރު ދެން އޮންނާނީ މިއެއްބަސްވުން ފައިނަލް ކުރުމަށް ނިންމަންޖެހޭ ސިޔާސީ ނިންމުންތައް ނިންމުމުގެ މަރުހަލާއެވެ.
އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލުން މިކަމާދެކޮޅަށް އެމެރިކާއަށް ކުރިމަތިކުރާ ފިއްތުންތަކެވެ. ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އީރާނުގެ ބާރުގަދަވެގެންދާނެ ކަމެއްކަމަށްވާތީ އިސްރާއީލު ގެންދަނީ މިކަން ނުކުރުމަށް އެމެރިކާގައިވާ ޔަހޫދީ ލޮބީ ގްރޫޕްތައް ބޭނުންކޮށްގެން އެމެރިކާ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ.
އީރާނުގެ ބާރުގަދަވުމަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އިސްރާއީލު އޮންނަ އޮތުމަށާއި ސަރަހައްދުގެ ގައުމުތަކަށް ބިރުދައްކައި ގައުމުތަކަށް ބޮންއަޅައި އުދުވާނީ ޖަރީމާތައް ހިންގުމަށް އިސްރާއީލަށް ދަތިވެގެންދާނެކަމެކެވެ.
އިސްރާއީލާއި އެމެރިކާ ދެކޭގޮތުގައި ގަލްފާއި މެދުއިރުމަތީގައި ބާރާއި ނުފޫޒު އޮންނަންވާނީ އަދި ބާރުގަދަ ހަތިޔާރުވެސް ލިބެންޖެހޭނީ ހަމައެކަނި އިސްރާއީލަށެވެ. އެހެންގައުމަކަށް އެފުރުސަތު ލިބިގެން ނުވާނެއެވެ. އެމެރިކާގެ ނަޒަރުގައި ނިއުކްލިޔާ ހަތިޔާރުވެސް ހިމެނޭގޮތަށް ހުރިހާ ބާވަތެއްގެ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އޮންނަންވާނީ އިސްރާއީލަށެވެ.
ސަރަހައްދުގެ އެހެން ގައުމަކުން އެކަންކުރާނަމަ އެއީ މައްސަލައެކެވެ. މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތާއަބަދަށް އެގޮތުގައި ދެމިއޮތުމުގެ ފުރުސަތު އިސްރާއީލަށް ފަހިކޮށްދިނުމެވެ.
ނަމަވެސް ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ ރުޖޫއަ ނުވެއްޖެނަމަ ކައިރި މުސްތަގްބަލެއްގައި އީރާނުން ނިއުކްލިޔާ ބޮން އުފައްދަފާނެކަމުގެ ބިރު އޮވެފައި އީރާނާ ހަނގުރާމަކުރުމަކީ މުޅި ސަރަހައްދު ހަނގުރާމައެއްގެ ތެރެއަށް ވެއްޓި އެމެރިކާގެ ވަށައިގެން އެނބުރޭ ގަލްފުގެ އަރަބި ގައުމުތަކާއި އަދި އެމެރިކާގެ ހަގީގީ ބައިވެރިޔާ ކަމަށްވާ އިސްރާއީލުވެސް އެއިން ސަލާމަތްނުވާނެކަމަށް އެމެރިކާ ދެކޭތީ ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވުން ނޫން ހައްލެއް މިހާރު ފެންނަން ނެތްކަމަށް އެމެރިކާ ގަބޫލުކުރެއެވެ.
އިސްރާއީލު އަދިވެސް ގެންދަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. ނަމަވެސް އީރާނުންވަނީ އެފަދަ ހާލަތެއްގައި ދުރުރާސްތާގެ ބަލިސްޓިކް މިސައިލުން ހަމަލާދީ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ގޮއްވާލައި އިސްރާއީލު އަންދާލައި އަޅިއަށް ހަދާނެކަމުގެ އިންޒާރު އިސްރާއީލަށް ދީފައެވެ.
މީގެ އިތުރުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީވެސް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ޖަމާއަތްތަކެކެވެ. މިއީވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދޭން އިސްރާއީލަށް ނުކެރޭ ސަބަބުތަކެވެ.