ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން، އެ މައްސަލަ ބަލައިދިނުމަށް ސުޕްރީމު ކޯޓަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ އިބްތިދާއީ ބަހުސެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ އެކައުންޓުގައި ހުރިކަން ކަނޑައެޅިގެން އެނގޭއިރު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރަން ކުރި ހުކުމަކީ ވަރަށް އަޖައިބުވާ ކަހަލަ ހުކުމެއް ކަމަށެވެ.

ޔާމީންގެ އެކައުންޓުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފެންނަން އޮތް އިރު، ޔާމީން މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެން ވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން، ދައުލަތުގެ ފައިސާ އިންތިހާއަށް ނަގައިފައި ތިބި މީހުން ޖަލުގެ އެތެރެއަށް އެބަ ލާން ޖެހޭ، އެ މީހުން ހައްގު އަދަބު އެބަ ދޭން ޖެހޭ. ނުދޭ ކަމަށް ވަނީ ވިއްޔާ ރައްޔިތުން އަޅުގަނޑުމެންނަށް، އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް، އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" އާޒިމް ވިދާޅުވިއެވެ.

އިދިކޮޅުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ އަލީ އާޒިމް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

"މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރެއެވެ." އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ މުސްތަގިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީ ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށާއި އެ ޕާޓީގެ ލީޑަރަށް ގޮވައިލައިފައެވެ.

އާޒިމްގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.