ރާއްޖޭގެ ސަރުކާރުން އިންޑޮނޭޝިއާ އަށް ކަނޑައެޅުއްވި އާ ސަފީރު، ދާތޯ މުހައްމަދު ޒަކީ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑޮނޭޝިއާގެ ރައީސް ޑރ. ސުސިލޯ ބަންބަންގް ޔުދޮޔޮނޯ އަށް މިއަދު އަރުއްވައިފި އެވެ.

ޖަކާޓާގައި ހުންނަ އިންޑޮނޭޝިއާ ރައީސްގެ ގަނޑުވަރުގައި މިއަދު އޮތް އެ ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށް ފަހު، ދާތޯ މުހައްމަދު ޒަކީ އިންޑޮނޭޝިއާގެ ރައީސް ޔުދޮޔޮނޯއާ ބައްދަލުކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެ އާއި އިންޑޮނޭޝިއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި އިންޑޮނޭޝިއާގެ ރައީސަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ރައްދުކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި އިންޑޮނޭޝިއާގެ ރައީސް ޑރ. ސުސިލޯ ބަންބަންގް ޔުދޮޔޮނޯ ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި އިންޑޮނޭޝިއާ ދޭތެރޭގައި އޮންނަ އިގްތިސާދީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ވާހަކަފުޅުދެއްކެވި އެވެ. އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށާއި ރާއްޖޭގެ ރައްޔިތުންނަށް ޔުދޮޔޮނޯ ތަހުނިޔާ ވިދާޅުވި އެވެ.

ދާތޯ މުހައްމަދު ޒަކީއަކީ ރާއްޖޭގެ ފަރާތުން މެލޭޝިއާ އަށާއި ބުރުނާއި އަށް ވެސް އައްޔަންކުރައްވާފައި ހުންނަވާ ހައި ކޮމިޝަނާ އެވެ.