ޖަޕާނުން ރާއްޖެއަށް އަށް އެމްބިއުލާންސް ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެކަމަށް ހާއްސަކޮށް ހެެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެމްބިއުލާންސްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވިދާޅުވީ އެމަޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ މިވަގުތު އެ މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ.

ހަމައެއާއެކު މިއީ ވަރަށް އެކަށޭނަ ދަނޑިވަޅެއްގައި ލިބުނު ހަދިޔާއެއް ކަމަށާއި، ކޮވިޑުގެ ހާލަތުން ދަސްވި އެއް ކަމަކީ އަވަސް ފަރުވާ ދިނުމުގެ ނިޒާމުގައި ހުރި ބާގަނޑުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެމްބިއުލާންސްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެހީވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މިއީ ގްރޭންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމްގެ ދަށުން ހަދިޔާ ކުރާ އެމްބިއުލާންސްތަކެކެވެ. މީގެ ތެރެއިން ދެ އެމްބިއުލާންސެއް ހުޅުމާލެއަށް ހާއްސަ ކުރާއިރު، އަނެއް ހަ އެންބިއުލާންސް ބޭނުން ކުރާނީ އަތޮޅުތެރޭގެ އެކި ރަށްތަކުގައެވެ.