07 Feb 2022, 11:17
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން ތިން ވަނަ މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ, ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 67 އަހަރުގެ އަންހެނެއް ރޭ 8:50 މަރުވެފައިވާ ކަމަށެވެ.
އެއާއެކު އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 284 އަށް އަރާފައެވެ.
ކޮވިޑް ޖެހިގެން އިއްޔެ ހަވީރު، އުމުރުން 21 އަހަރުގެ ޒުވާން ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ. އޭގެ ކުރިން އިއްޔެ މެންދުރު 75 އަހަރުގެ އަންހެނަކު ވެސް ވަނީ އެ ބަލީގައި މަރުވެފައެވެ.
ކޮވިޑް ޖެހިގެން މި މަހު މިހާތަނަށް ނިސްބަތުން ދުވާލަކު މީހަކު ވަނީ މަރުވެފައެވެ. އެގޮތުން މި މަހު މިހާތަނަށް ކޮވިޑްގައި ޖުމްލަ ހަތް މީހަކު ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު 17،169 މީހުން ތިބިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 52 މީހަކަށެވެ.