ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށް ނުލެވޭނަމަ، ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)އަށް އިތުބާރުކޮށް، ވޯޓު ދޭން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ އިބްތިދާއީ ބަހުސެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ އެކައުންޓުގައި ހުރިކަން ކަނޑައެޅިގެން އެނގޭއިރު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރަން ކުރި ހުކުމަކީ ވަރަށް އަޖައިބުވާ ކަހަލަ ހުކުމެއް ކަމަށެވެ.

"އެ ތަނުން [ސުޕްރީމް ކޯޓުން] ފަނޑިޔާރުންގެ ބެންޗުން އެބަ އިއްތިފާގު އެބަވޭ އެއް ކަންތައް، ދައުލަތުގެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓުގަ ހުރިކަން. 100 މިލިއަނަށް ވުރެ ގިނަ ފައިސާ، ދިވެހި ރުފިޔާ ރައީސް ޔާމީންގެ އެކައުންޓުގަ ހުރިކަން. އެ އިއްތިފާގު އެބަވޭ ހުރިހާ ފަނޑިޔާރުން ވެސް،" އާޒިމް ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފެންނަން އޮތް އިރު، ޔާމީން މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ވެސް ދައުލަތުގެ ފައިސާ، އަޅުގަނޑުމެން އަޖައިބުވާ ވަރަށް، އިންތިހާއަށް އަޖައިބު ވާ ވަރަށް އެކައުންޓަށް ލައިފަ ހުރި މީހަކު ހަމަ ދޫކޮށްލަންވީތޯ، މާލެތެރެއަށް ދޫކޮށްލައިގެން ދޭދޭ ގައުމާ ދޭތެރޭ ޖައްސަމުން، އޭނާ ބޭނުން ރަށަކަށް އެރުމުގެ ފުރުސަތު ދެމުން ދާންވީތޯ،" އާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ވެސް އެދެނީ އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ، އާޒިމް އިތުރަށް ވިދާޅުވީ ފަނޑިޔާރުން އެކަން ނުކޮށްފިނަމަ ވަކި ކުރަން ޖެހޭ ފަރާތްތަކުން ވަކިކޮށްގެން ވެސް އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.

"އެ ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން، ދައުލަތުގެ ފައިސާ އިންތިހާއަށް ނަގައިފައި ތިބި މީހުން ޖަލުގެ އެތެރެއަށް އެބަ ލާން ޖެހޭ، އެ މީހުން ހައްގު އަދަބު އެބަ ދޭން ޖެހޭ. ނުދޭ ކަމަށް ވަނީ ވިއްޔާ ރައްޔިތުން އަޅުގަނޑުމެންނަށް، އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް، އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" އާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންކޮށްފައި ބެހެއްޓުމަކީ ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރަށް ފުރަގަސް ދީ، ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.