12 Mar 2012, 16:13
ކ. މާފުށީ ޖަލު އޮފީހުގެ ޕްރިޒަން އޮފިސަރުންގެ ތުނބުޅި ބާލަން ޑީޕީއާރުއެސް އަށް ނޭންގޭނެ ކަމަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އަބްދުﷲ ހަމީދު އަދި ޔޫސުފް ހުސެއިން ސޮއިކުރައްވައި އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ މާފުށީ ކޯޓުން ޑީޕީއާރުއެސްގެ މައްޗަށް ހުކުމް ކުރި އިރު އެ މައްސަލަ ހުށަހެޅިފައިވާ ކަމެއް ޑީޕީއާރުއެސް އަކަށް އެ ކޯޓުން އަންގާފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބަލާފައި ވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ދައުލަތަށް ދައުވާލިބޭ މަދަނީ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއްގައި ދައުލަތް ތަމްސީލުކުރާ ފަރާތަކީ ބަންޑާރަ ނާއިބްގެ އޮފީހެ އެވެ. ނަމަވެސް މާފުށީ ކޯޓަށް މައްސަލަ ހުށަހެޅި ކަމެއް އެ ކޯޓުން ބަންޑާރަ ނައިބްގެ އޮފީހަށް ވެސް އަންގާފައި ނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ހުކުމްގައި ބުނެފައި ވަނީ މާފުށީ ކޯޓުގެ ގަޒިއްޔާ ނިންމި ގޮތުގެ ރިޕޯޓުގައި ދައުވާ ލިބޭ ފަރާތް ކަމަށް ބުނެފައި ވަނީ މާފުށީ ޖަލު އޮފީހުގެ ޗީފް ސްޕްރިންޓެންޑެންޓް، މުހައްމަދު ޝާހީން އަލީ ކަމަށް ވިޔަސް ދައުވާ ހުށަހެޅި ފޯމްގައިވާ ގޮތުން ދައުވާ ލިބޭ ފަރާތަކީ ޑީޕީއާރްއެސް ކަމަށެވެ.
އެހެންކަމުން މާފުށީ ކޯޓުގެ ހުކުމް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރީ ކަމަށް އެ ހުކުމްގައިވެ އެވެ.