ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުންނުން ފެށިގެން، އުއްތަމަ ފަނޑިޔާރާ ހަމައަށް އިސްތިއުފާ ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވައިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ޖޭއެސްސީއާއި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ޖޭއެސްސީ މިނިވަން ކުރުމަށް ވައުދުވެގެން، އެމްޑީޕީން ވެރިކަމަށް އައިނަމަވެސް މިހާރު އެ ތަނަކީ ވެސް ސިޔާސީ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން ކީއްވެގެންތޯއޭ އެ ތަނުގައި ހުންނަ ރައީސްގެ، އޭނާގެ ލޯޔަރު ކަމުގެ ދަށުގައި ހޭ މައްސަލަ ނިމެނީ، އެއީ ވެސް ގޯސް ވާހަކައެއްތާ، ނަންބަރު ވަން. ސިޔާސީ ނުކުރާނަމޭ ބުނި ތަން މިއޮތީ ސިޔާސީ ވެފަ،" ޖާބިރު ވިދާޅުވިއެވެ.

ފަނޑިޔާރުގެއަށް ފާޑުވިދާޅުވަމުން ޖާބިރު ވިދާޅުވީ ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް އިންތިހާއަށް ގިނައިރު، މައްސަލަތައް ނުބެލި ލަސްވާ ކަމަށެވެ. ވީއިރު، ދައްކަންވީ ފަނޑިޔާރުންނަށް ޗުއްޓީދޭ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަނޑިޔާރުންނަށް އަދިވެސް އިތުރަށް ޗުއްޓީ ދިނުމާ، މި ވާހަކައެއް ނޫން ދައްކަންވީ. ނިންމާން ޖެހޭ މައްސަލަތައް ނިންމަން ޝެޑިއުލްކޮށްގެން ދާން ޖެހޭ ޕްރޮސެސް ކޮބާހޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ އިންޝުއަރެންސް މައްސަލަ ގިނަ ދުވަސްތަކެއް ވެފައިވާއިރު ވެސް ނިމިފައިނުވާތީ އެކަމަށް ފާޑުވިދާޅުވެ، ޖާބިރު ވަނީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އޭނާ ހަމަޖެއްސުމަށް ގޮވައިލައިފައެވެ.

"ކީއްވެތޯ ޔޮޓް ޓުއާސް ވީމަ، [ނުނިމިގެން މިއުޅެނީ]. ޖާބިރު ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނީންނާތީ. މި މަޖިލީހުން އަޅުގަނޑު ބައިންދަބަލަ އެތަނުގައި. ވަރަށް އަވަހަށް މައްސަލަތައް ނިމޭނެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ހައިކޯޓަށް ބޭނުންވާ ފަނޑިޔާރުން ހަމަކޮށްގެން، މައްސަލަތައް އަވަހަށް ނިންމުމަށް ޖޭއެސްސީއަށް ގޮވައިލައިފައެވެ. އަދި ޖޭއެސްސީއާއި އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ވެސް ގޮވައިލެއްވިއެވެ.

"[ރައްޔިތުންގެ މަޖިލީހުގެ] ޖުޑީޝަރީ ކޮމިޓީގައި ތިބި ބޭފުޅުން އިސްތިއުފާ ދޭށޭ. ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތިބި މީހުން އިސްތިއުފާ ދޭށޭ. އުއްތަމަ ފަނޑިޔާރާ ހަމައަށް ވެސް އިސްތިއުފާ ދޭށޭ. މިހާރުން މިހާރަށް، ނުހިންގުނޭ މި ގައުމެއް،" ޖާބިރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށައިފައެވެ.

ބިލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ހައްގު، ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް އަދި ފިރިހެން ފަނޑިޔާރުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް އިސްލާހުގައި ހިމަނައިފައިވެއެވެ.