ހއ. އިހަވަންދޫން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެރަށު ރައްޔިތުން ކުރަމުން ދަނިކޮށް ރޭ ދަންވަރު އޭނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދީ އެރަށު، މަފުރުވިލާ، 31 އަހަރުގެ ހަސަން ފަހުދެވެ.

އިހަވަންދޫ ކައުންސިލް މެންބަރު މުހައްމަދު ޒާހިރު ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ރޭ 12:30 ކަންހާއިރު ފަހުދު ފެނިއްޖެ ކަމަށާއި ފެނުނުއިރު އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.

ފަހުދު ފެނުނީ އެރަށުން އަލަށް ހިއްކި ހިސާބާ ރަށާ ގުޅޭ ހިސާބުގައި ހުންނަ ކުނިގޮނޑުގެ ސަރަހައްދުން ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

ފަހުދު ގެއްލިގެން ހޯދަން ފެށީ އޭނާ މަސައްކަތް ކުރާ، ފެނަކައިގެ ތެރޭގައި އޭނާ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެގެން "މިދަނީ" ކަމަށް ބުނެ ގެއިން ނުކުމެގެން ދިޔަ ގޮތަށް ނައިސްގެންނެވެ.

ފަހުދު ފެނިފައި ވަނީ އޭނާ ހޯދުމަށް އެރަށުގެ ބޮޑު ސަރަހައްދެއް އެތައް ފަހަރަކު ބެލިފަހުންނެވެ. ރޭ އޭނާ ފެނުމާއެކު ފުލުހުން އޭނާ ގެންދިޔައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.