ފްރާންސް ލީގް ގައި ރޭ ލީލް 1-5 އިން ބަލިކޮށް ޕީއެސްޖީން ތާވަލްގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.

ލީލްގެ ދަނޑުގައި ކުޅުނު އެ މެޗު ފަށައިގެން ޕީއެސްޖީން ވަނީ ރަނގަޅަށް ކުޅެފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ޕީއެސްޖީން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިލޯ ޕެރެއިރާއެވެ.

އެއް ގޯލުގެ ލީޑުގައި އޮވެ ޕީއެސްޖީން ކުޅެމުން ދިޔަ ނަމަވެސް ލީލްއިން ކޮންމެސް ވަރަކަށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލީލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ހަޓެމް ބެން އަރްފާ ދިން ބޯޅައަކުން މިލަނޑު ކާމިޔާބުކުރީ ސެވެން ބޮޓްމެންއެވެ.

ލީލްއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމ ކުރިތާ ހަތަރު މިނެޓު ފަހުން ޕީއެސްޖީން ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ނެގިއެވެ. ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު ކާމިޔާބުކުރީ ޕްރެސްނެލް ކިމްޕެމްބޭ އެވެ.

މެސީގެ އެސިސްޓަށްފަހު މެޗުގެ 38 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުނު އިރު 3-1 އިން ކުރީގައި އޮތީ ޕީއެސްޖީއެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 51 ވަނަ މިނެޓުގައި ޑެނިއަލް ޕަރޭޑްސް ދިން ބޯޅައަކުން ޑެނިލޯ ޕެރެއިރާ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ.

ޕީއެސްޖީގެ ފަސްވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޖަހައިދިނި މާކޯ ވެރާޓީ ދިން އެސިސްޓަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 23 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ލީލް އޮތި 23 މެޗުން ލިބުނު 32 ޕޮއިންޓާއެކު 11 ވަނައިގައެވެ. ދެ ވަނައިގައި މާސެއިލޭ އޮތީ 43 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް މާސެއިލޭ އަދި އެއް ވަނައިގައި އޮތް ޕީއެސްޖީއާ ދެމެދު 13 ޕޮއިންޓުގެ ތަފާތު އެބަ ހުއްޓެވެ.