07 Feb 2022, 00:07
ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ބާސެލޯނާ ލީގުގެ ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޯވްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ކުރީކޮޅުގައި އެތުލެޓިކޯއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ލުއިޒް ސުއަރޭޒް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބު ކުރީ ޔެނިކް ކަރެސްކޯއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ބާސާގެ ގޯލުގެ ތިރީ ކަނަށެވެ.
އޭގެ ދެ މިނެޓު ފަހުން ބާސާއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދާދި ފަހުން ބާސާއަށް ގުޅުނު ޑެނީ އަލްވޭސް ދިން ޕާހަކުން މި ލަނޑު ކާމިޔާބުކުރީ ޖޯޑީ އަލްބާއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ބާސާއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ ޕަބްލޯ ގަވިރާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އެއީ އަޑަމާ ޓަރޯރޭ ދިން ޕާހަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފުގެ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. ބާސާއަށް ލިބުނު ހިލޭ ޖެހުމެއްގައި ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތުމުން، ފެރާން ޓޮރެސް ޖައްސާލި ބޯޅައަކުން ރޮނާލްޑް އަރުޖޯ ވަނީ ބާސާގެ ތިން ވަނަ ލަނޑު ޖަހާފައެވެ.
ފުރަތަމަ ހާފު ނިމުނީ 3-1 އިން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
ބާސެލޯނާގެ ހަތަރު ވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްވޭސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެތުލެޓިކޯގެ ގޯލު އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ އެ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ޖޯސް ގިމިނޭޒްގެ ބޮލުގައި ޖެހިފައި އައި ބޯޅަ ބޮލުން ބާސާގެ ގޯލަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު ބާސާއިން ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތީ 22 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ އެތުލެޓިކޯއަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލްގެ ފަސް ވަނައިގައެވެ. ތާވަލްގެ އެއް ވަނައިގައި 50 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ދެ ވަނައިގައި ސެވިލާ އޮތީ އެއް މެޗު އިތުރަށް ކުޅެ 47 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ރެއާލް ބެޓިސް އޮތީ 41 ޕޮއިންޓާއެކުއެވެ.