12 Mar 2012, 16:07
ރައްޔިތުންގެ މަޖިލީހުގެ އުފެއްދުންތެރިކަން ދައްވެ، ގާނޫނުތައް ނުހެދި ލަސްވުމުގެ ސަބަބުން އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި މަޖިލީހުން ފާސްކުރާ ގާނޫނުތަކުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ހުށަހެޅުން ނުހިމަނާތީ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްއާރްސީއެމްގެ އަހަރީ މަސައްކަތް ބަޔާންކޮށް މިއަދު ނެރުނު "އަހަރީ ރިޕޯޓް 2011"ގައި ކޮމިޝަނުން ކަންބޮޑުވާ ކަންތައްތައް ބަޔާންކުރައްވަމުން އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒްރާ އަހުމަދު ވިދާޅުވީ މިހާރުން މިހާރަށް ބޭނުންވެފައިވާ 27 ގާނޫނުގެ ތެރެއިން ވުޖޫދަށް އައިސްފައި ވަނީ އެންމެ އަށް ގާނޫނު ކަމަށެވެ. އަދި އެ ގާނޫނުތައް ވުޖޫދަށް ނައުމުން ލިބިދޭން ޖެހޭ ހައްގުތައް އުނިކަން އަންނަމުންދާ ކަމަށް އަޒްރާ ފާހަގަ ކުރެއްވެވި އެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ ތަސްތީގުކޮށްފައިވާ ގާނޫނުތަކުގެ ތެރެއިން އެޗްއާރްސީއެމްގެ ހުށަހެޅުންތައް ހިމަނާފައި ވަނީ އެންމެ ފަސް ގާނޫނުގައި ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ހުރި ބިލްތަކަށް އެޗްއާރްސީއެމުން 244 ކޮމެންޓްކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ގާނޫނީ ނިޒާމް ހަރުދަނާ ކުރުމަށް ވުޖޫދަށް އަންނަން ޖެހޭ ގާނޫނުތަކުގެ ތެރޭގައި މިހާރު ވެސް 20 ބިލް މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް އެޗްއާރްސީއެމުން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރުން މަނާކުރަން ޖެހޭ ބިލާއި ޖިނާއީ އިޖުރާތުގެ ބިލާއި ކުޑަކުދިންނާއި ތަކުލީފުލިބިގެންނުވާ މީހުން ޖިންސީ ޖަރީމާތަކުން ރައްކާތެރިކުރުމުގެ ބިލާއި މޯލްޑިވްސް ނޭޝަނަލް ބިލްޑިން އެކްޓްގެ ބިލާއި މައުލޫމާތު ހޯދުމާއި ލިބިގަމުގެ ހައްގުގެ ބިލާއި ޖިންސީ ފުރައްސާރަ ކުރުން މަނާކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލުގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ބިލް ހިމެނެ އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވީ އިންސާނީ ހައްގުތައް ލިބިދިނުމުގައި ކޮމިޝަންގެ ދައުރު ގިނަ ބަޔަކަށް ނޭނގޭ ކަމަށާއި ހޭލުންތެރިކަން އިތުރު ކުރަން ޖޭހޭ ކަމަށެވެ. އަދި މީޑިއާތަކުން ބައެއް ފަހަރު ހަބަރު ފަތުރާގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަކީ ތަންފީޒީ އިދާރާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މެންޑޭޓުގެ ބޭރުން އަޅުގަނޑުމެން ކުރަން ނުޖެހޭ ކަންތައްތައްކުގެ މައްޗަށް ޖަޖުކުރަންޏާ އަޅުގަނޑުމެންގެ ޕާރޯމަންސް ދައްވާނެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި." ތޮލާލް ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ މެންބަރު އަހްމަދު އަބްދުކަރީމް ވިދާޅުވީ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާ ފަރާތްތަކުން ފަހުން އެ މައްސަލަތަކަށް ބެލުމަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި އެކަމުގައި އަޅާނުލައި ދޫކޮށްލާކަން ވެސް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ބަންދުގައި ތިބޭ މީހުންނާ މެދު ހިންގާ ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ފުލުހުންނާއި ޑީޕީއާރްއެސްގެ ބެލުމުގެ ދަށުގައިވާ 18 ތަނަކަށް އެ ކޮމިޝަނުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެތަންތަނުގެ ހާލަތު ރަގަނޅު ކުރުމަށް އެޗްއާރްސީއެމުން އެދުމުން ބައެއް ފަރާތުން އެކަމަށް އިޖާބަދީފައިވާ އަމަލީސިފަ ގެނެސްފައިވާ ކަމަށެވެ. ކޮމިޝަންގެ ހުށަހެޅުންތަކުގެ ތެރެއިން 42 ޕަސެންޓް ތަންފީޒުކޮށްފައިވާ ކަމަށާއި ނަމަވެސް 58 ޕަސެންޓް ތަންފީޒު ނުކުރާ ކަމަށް ރިޕޯޓްގައިވެ އެވެ.
އިންސާނީ ހައްގުތަކާ ގުޅުހުން ހުރި 625 މައްސަލަ މިދިޔަ އަހަރު އެޗްއާރުސީއެމަށް ހުށަހަޅާފައިވެ އެވެ. އަދި ކޮމިޝަނަށް ފެނިގެން 21 މައްސަލައެއް ބަލަމުންދެ އެވެ. ކޮމިޝަނުން މިހާރު ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލުގައި މިދިޔަ އަހަރު މަރުވި ގާއިދީއެއްގެ މައްސަލައާއި ކ. ގުރައިދޫގައި ތިބޭ މީހުންގެ މަރުކަޒުގައި ހުރި، މިދިޔަ އަހަރު ކުއްލި ގޮތަކަށް މީހަކު މަރުވި މައްސަލައާއި ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ)ގާޒީ ހައްޔަރުކޮށްގެން ކ. ގިރިފުށީގައި ގެންގުޅުނު މައްސަލަ އެވެ.