ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިންޖެހި ހިސާބަކީ އަންނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ކޮންޕާޓީއެއްތޯ ބެލުމުގެ ހިސާބުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އޮފިހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ހަގީގަތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުވީ ޕީޕީއެމްއަށް ކަމަށެވެ.

"އަލުގަނޑުމެން ޖެހި ހިސާބު އެ ބޭފުޅުންނަކަށް ނޭނގެ. އަޅުގަނޑުމެން ޖެހި ހިސާބަކީ މި ގައުމު މިދާ މިސްރާބާ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ އެމްޑީޕީއަށްތޯ ޕީޕީއެމްއަށްތޯ،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، އަދުރޭ ވިދާޅުވީ މި އިންތިޚާބުން ޕީޕީއެމް އޮތް ހިސާބު މިހާރު ވަޒަން ކުރެވިއްޖެކަމަށެވެ. ގިނިކަންޏާ ނިކުމެ ބޮޑު ކޯލިޝަނަކަށް ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރެވުމަކީ މިއަދު ޕީޕީއެމްގެ ކާމިޔާބީކަމަށް އޭނާ ސިފަކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއިން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތްވެސް ނުހުއްޓުވޭނެ ކަމަށާއި، އެ ޕާޓީ ފަހަތަކަށް ވެސް ނުޖެއްސޭނެ ކަމަށެވެ. އެ ޕާޓީއަކީ ވެއްޓުނީމަ ތެދުވަން އެނގޭ ޕާޓީއެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދުރޭ ވިދާޅުވީ އެ އިންތިޚާބުގެ ނަތީޖާ އައިގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނެކަން ޔާގީންވެފައިވާކަަމަށެވެ.

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވާދަވެރި އިންތިހާބަކަށްފަހު ކާމިޔާބު ހޯދެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ.

ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށްވުރެ އިތުރަށް 240 ވޯޓު ހޯއްދަވައިގެންނެވެ.