06 Feb 2022, 19:33
އިނފިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައު މިއަދު ކާޑިފް ސިޓީ ބަލިކޮށް މުބާރާތުގެ ފަސް ވަނަ ބުރަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.
އެންފީލްޑް ގައި މިއަދު ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗަށް ލިވަޕޫލުން ނިކުތީ އެ ޓީމުގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ނުލައެވެ. އެއީ މިހާރު ކުރިއަށްދާ އެފްރިކަން ކަޕްގެ މެޗުތައް ކުޅުމަށް މި ދެ ކުޅުންތެރިން ތިބީ ގައުމީ ޓީމުގައެވެ.
ފުރަތަމަ ހާފުގައި ވެސް ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ލިވަޕޫލްގެ ފުރަތަމަ ގޯލު ފެނުނީ މެޗުގެ 53 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް ނަގައިދިން ބޯޅައެއް ބޮލުން ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިއާގޯ ޖޮޓާއެވެ.
ލިވަޕޫލުގެ ދެ ވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓަކުމީ މިނާމިނޯއެވެ. އޭނާ މި ލަނޑު ޖެހީ ކާޑިފް ސިޓީގެ ގޯލު އޭރިޔާ ތެރެއިން ލުއިޒް ޑިއާޒް ދިން ބޯޅައެއް އޭރިޔާ ތެރޭގައި ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ހާވޭ އެލިއޮޓް ވަނީ ލިވަޕޫލުގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ ކާޑިފް ސިޓީގެ ގޯލު އޭރިޔާ ބޭރު ހުރެ އެންޑްރިއު ރޮބާޓްސަން ނަގައިދިން ބޯޅައެއް ގޯލު އޭރިޔާ ތެރޭގައިހުރެ ފައިން ގޯލަށް ފޮނުވާލައިގެންނެވެ.
ކާޑިފް ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އިއާން ޑެވީސް ދިން ޕާހަކުން ޖަހައިދިނީ ރުބިން ކޮލްވިލް އެވެ. އޭނާ މި ލަނޑު ޖެހީ ލިވަޕޫލްގެ ގޯލު އޭރިޔާ ތެރެއަށް ވަދެ އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު ލިވަޕޫލު ވަނީ މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރުކޮށްފައެވެ.
އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި ޓޮޓެންހަމް ވަނީ ބްރައިޓަން ބަލިކޮށް ފަސް ވަނަ ބުރުން ޖާގަ ހޯދާފައެވެ.