ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ 21 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ މެންދުރުފަހު 03:40 ގައި މަރުވެފައިވާކަމަށެވެ.

މިއަދު މެންދުރުފަހު 1:42 ގައި ވެސް ވަނީ އެ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައެވެ. އެއީ 75 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ބަލީގައި މި މި މަހުގެ ތެރޭގައި ރާއްޖެއިން ނުވަ މީހަކު ވަނީ މަރުވެފައެވެ. އަދި މި އަހަރުގެ މިހާތަނަށް 18 މީހަކު މި ބަލީގައި ރާއްޖެއިން ވަނީ މަރުވެފައެވެ.

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓު ފެތުރި، ރާއްޖެއިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 1589 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 400 މީހަކު ހިމެނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 17637 އެވެ. އޭގެ ތެރެއިން 65 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ.