ވޮޝިންޓަން (06 ފެބްރުއަރީ 2022): ރަޝިއާއިން ޔުކްރޭނަށް އަރައިގަންނާނެކަން ގާތްގަނޑަކަށް ޔަގީންވާކަމަށާއި ރަޝިއާ އަރައިގެންފިނަމަ ގިނަވެގެން 48 ގަޑީއިރުގެ ތެރޭގައި ޔުކްރޭންގެ ސަރުކާރު ވައްޓާލައި ރަޝިއާއިން ޔުކްރޭންގެ ބޮޑުބައި ހިފައި އެތައް ހާސްބަޔަކު މަރާލާނެކަމަށް އެމެރިކާ ބުނެފިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންނާ ހަވާލާދީ އެމެރިކާ ސަރުކާރު ބުނިގޮތުގައި ރަޝިއާއިން ޔުކްރޭނަށް އަރައިގެންފިނަމަ 25 ހާހާއި 30 ހާހާ ދެމެދުގެ އަދަދެއްގެ އާންމުންނާއި 5 ހާހާއި 10 ހާހާ ދެމެދުގެ ޔުކްރޭންގެ ސިފައިން ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަރުވެ ފަސްހާހެއްހާ ޔުކްރޭންގެ ރައްޔިތުން ރެފިއުޖީންނަށް ވެގެންދާނެއެވެ. އަދި ޔުކްރޭންގެ ބޮޑުބައެއް ހަލާކުވެގެންދާނެއެވެ.

ރަޝިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އަސްކަރީ ބާރުކަމަށްވާތީ ޔުކްރޭންގެ ދިފާއުގައި ރަޝިއާ ދެކޮޅަށް ސީދާގޮތެއްގައި ޔޫރަޕްގެ ގައުމުތައް ނުތެދުވާނެކަމާއި ރަޝިއާ ސިފައިންނާ ކުރިމަތިލާނީ ޔުކްރޭންގެ ސިފައިންނާއި އެގައުމުގެ އާންމުންކަމަށާއި އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ދޭނީ އަސްކަރީ އެހީކަމަށް އެމެރިކާގެ ޖާސޫސީ އިސްވެރިން ލަފާކުރައްވާކަމަށް އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.

ރަޝިއާ ސިފައިން

ރަޝިއާއިން ޔުކްރޭނަށް އަރައިގަންނާނެކަން ވަރަށް ބޮޑަށް ޔަގީންވާކަން ބަޔާންކޮށް އެކަމުގެ ކަންބޮޑުވުން އެމެރިކާ ސަރުކާރުންވަނީ އެމެރިކާގެ ޕާލަމެންޓް ކަމަށްވާ ކޮންގްރެސްއާ ވެސް ހިއްސާކޮށްފައެވެ. އެމެރިކާ ބުނާގޮތުން ރަޝިއާ ޔުކްރޭނަށް އަރައިގަތުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގާނެ އެންމެ ބޮޑު އަދި އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ކަމަށް ވެގެންދާނެއެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަންނާނެކަން ޔަގީންވާ ކަމަށް ބުނެ އެމެރިކާ ތަކުރާރުކޮށް އިންޒާރުތައް ދެމުން ގެންދިޔަ ނަމަވެސް ރަޝިއާ ގެންދަނީ މިކަން ތަކުރާރުކޮށް ދޮގު ކުރަމުންނެވެ. ރަޝިއާ ބުނާގޮތުގައި އެގައުމުން ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައިވަނީ ޔުކްރޭން، ނޭޓޯގެ މެންބަރަކަށް ހަދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ސިފައިން ޖަމާކުރަން އުޅޭތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. ޔުކްރޭނަށް އަރައިގަތުމުގެ ރޭވުމެއްގެ ދަށަކުން ނޫނެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިން ވިދާޅުވެފައިވާ ގޮތުން ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމަށް ބޭނުންވާ ތައްޔާރީތަކުގެ 80 ޕަސެންޓް ރަޝިއާއިން މިހާރުވަނީ ފުރިހަމަކޮށްފައެވެ. އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ޔުކްރޭނަށް އަސްކަރީގޮތުން އެހީތެރިވި ނަމަވެސް ރަޝިއާގެ ބާރުގަދަ ލަޝްކަރުތަކުގެ ކުރިމަތީގައި ޔުކްރޭން ސިފައިންނަށް އެގައުމު ދިފާއު ނުކުރެވޭނެކަމަށް އެމެރިކާ ދެކެއެވެ.

މީގެއިތުރުން ރަޝިއާ ޔުކްރޭނަށް އަރައިގަނެ ޔުކްރޭން ބައިބައިކޮށް ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ޔުކްރޭންގެ ސަރަހައްދުތައް ރަޝިއާގެ ބާރުގެ ދަށަށް ގެނަސް ޔުކްރޭންގެ ބާކީ އޮތް ބައިގައި ރަޝިއާއަށް ތާއީދުކުރާ ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދައި މުޅި ޔުކްރޭން ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަމަށްވެސް އެމެރިކާގެ ޖާސޫސީ އިސްމަސްއޫލުވެރިން ވަނީ ލަފާކުރައްވާފައެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވަނީ އެމެރިކާގެ މަގްސަދަކީ އެކިއެކި ޖާސޫސީ ރިޕޯޓްތަކާއި ޖާސޫސީ މައުލޫމާތުތައް ނެރެގެން ރަޝިއާއި ޔުކްރޭންއާ ދެމެދު ހަނގުރާމައިގެ ހުޅުގަނޑެއް ރޯކުރުން ކަމަށާއި އެމެރިކާގެ މަކަރުގެ ދަލުގައި ރަޝިއާ ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއަކީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމާއި ސްޓްރެޓީޖިކް މިސައިލްގެ ބާރުވެރިކަމަށް ބަލާއިރު އެމެރިކާއަށް ވުރެވެސް މާބާރުގަދަ ގައުމެކެވެ. ނަމަވެސް އަދި ހުރިހާ ބާރުތަކެއް އެއްކޮށްގެން އަޅާކިޔާއިރު ރަޝިއާއަކީ ދުނިޔޭގެ އަސްކަރީ ދެވަނަ ބާރެވެ. އެމެރިކާއަކީ ދުނިޔޭގެ އަސްކަރީ އެއްވަނަ ބާރެވެ. އަސްކަރީ ތިންވަނަ ބާރަކީ ޗައިނާއެވެ.