ނ. މާފަރު ރަށު ކައުންސިލްގެ އެމްޑީޕީ މެންބަރު އަދި އެ ކައުންސިލްގެ ރައީސް އަންވަރު އަބްދުލްޣަނީ ޕާޓީން ވަކިކުރުމުން އެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގިނަ ކުލަބުތަކަކަށް ފުޓުބޯޅަ ކުޅުނު މަޝްހޫރު ކުޅުންތެރިޔާ އަންވަރު އެމްޑީޕީން ކުރަން ނިންމީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ބެލުމަށް ފަހު ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެން ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މާފަރު ކައުންސިލުގެ މެންބަރު އަންވަރު އެމްޑީޕީން ވަކިކޮށްފައިވާ ކަން އެ ޕާޓީން އަންގާފައިވާ ކަމަށާއި އެއާ އެކު އޭނާގެ ގޮޑި ގެއްލިފައިވާކަމަށެވެ.

"އެގޮނޑި ހުސްވެފައިވާ ކަމަށް ނިންމީ ހުރިހާ ކަމެއް ބެލުމަށް ފަހު،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފަރު ކައުންސިލްގެ ބައި އިލެކްޝަން ވަރަށް އަވަހަށް އިއުލާންކޮށް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އެ ކޮމިޝަނުން ވަރަށް އަވަހަކަށް ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މާފަރު ކައުންސިލްގައި ތިބެނީ ޑީއާރުޕީ ކައުންސިލް މެންބަރަކާއި އެމްޑިޕީގެ ތިން މެންބަރެކެވެ.