06 Feb 2022, 12:32
ސްރީލަންކާގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ޒަހަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނީ ރޭ ނޫން ކުރީ ރޭ ގެއްލުނު ދ. މީދޫ، މާކޯނި، އަފްހަމް ނަސީރެވެ.
ފުލުހުން މިއަދު ބުނީ ލަންކާގައި ދިވެހި ފިރިހެނަކު މަރައިލައިފައި އޮއްވާ ފެނިފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވާ ކަން ލަންކާގެ ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށް އަފްހަމްގެ އާއިލާގެ ފަރާތުން 'ސަން'އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.
"އަޅުގަނޑު ކައިރީގައި ލަންކާ އިންޓެލިޖެންސްގެ ފުލުހުން ބުނީ އޭނަ އަތުގަ ވަޅިއެއް އޮތޭ ދެން ކަރުގައި ހުރީ ވަޅި އަޅާފައޭ," އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އަފްހަމްއާ އެންމެ ފަހުން ލަންކާ އިން ބައްދަލުވި މީހާއަށް މަރުވެފައިވާ މީހާގެ ހަށިގަނޑު ދެއްކުމަށްފަހު އެއީ އޭނާގެ ހަށިގަނޑުކަން ވަނީ ޔަގީން ކޮށްފައި ކަމަށް އޭނާ ކިޔައިދިނެވެ.