06 Feb 2022, 12:07
ފުލުހުންނަށް ފިލަން އުޅުނު މީހަކު އެކްސިޑެންޓްވެ, އޭނާގެ އަތުން ދެ ފުޅި ބަނގުރާ ފެނިއްޖެއެވެ.
ބަންގަލަދޭޝްއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެ މީހާ ހުއްޓުވަން އުޅުމުން އޭނާ ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒުވާނާ ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާ ދުއްވި ސައިކަލް އެކްސިޑެންޓްވެފައިވާއިރު އޭނާގެ އަތުން ދެ ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ އެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް އިތުރުކޮށްދީފައެވެ.
މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ, ކުށުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ ރާއްޖެ އިން ޑީޕޯޓްކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ކޯޓުން ވަނީ އޭނާ ޑީޕޯޓްކުރުމުގެ ކަންކަން އަވަހަށް ނިންމައި އިމިގްރޭޝަނާ ހަވާލުކުރުމަށް ފުލުހުންނަށް އަންގާފައެވެ.