06 Feb 2022, 10:13
މި އަހަރު ފެށުނުއިރު ކްރިމިނަލް ކޯޓުގައި ނުނިމި 1804 މައްސަލަ ހުރި ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު، އެ ކޯޓުގައި 1732 މައްސަލަ އޮތެވެ. އަދި އަލަށް 773 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ޖުމްލަ 2505 މައްސަލައިގެ ތެރެއިން މިދިޔަ އަހަރު އެ ކޯޓުގައި ނިމިފައިވަނީ 701 މައްސަލައެވެ. އެއީ އެންމެ 27 ޕަސެންޓް މަސައްކަތެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު މަދު އަދަދެކެވެ. ދެހާސް ވިހި ވަނަ އަހަރު އެ ކޯޓުން ވަނީ 1339 މައްސަލަ ބަލައި ނިންމައިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ އަހަރު 2722 މީހުން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އޭގެ ތެރެއިން 14 ޕަސެންޓު މީހުން ބަންދުން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
މިދިޔަ އަހަރު އެ ކޯޓުން ބަލާ ފާސްކުރުމުގެ 405 ކޯޓު އަމުރު ނެރެފައިވާއިރު، ހައްޔަރުކުރުމުގެ 399 ކޯޓު އަމުރު ނެރެފައިވެއެވެ. އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ 112 އަމުރުގެ އިތުރުން އެހެނިހެން 525 އަމުރެއް ވަނީ ނެރެފައެވެ.
ކްރިމިނަލް ކޯޓުގައި ފާއިތުވި އަހަރު 9973 އަޑުއެހުން ތާވަލް ކުރިއިރު، އޭގެ ތެރެއިން 49 ޕަސެންޓު އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ކޯޓުގައި ކުރިއަށް ގެންދެވިފައިވަނީ 5121 އަޑުއެހުމެވެ.