06 Feb 2022, 09:45
އުމުރުން 92 އަހަރުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވެއްޖެއެވެ.
އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި ލަތާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، މުމްބާއި ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ، ހިންދުސްތާން ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލަތާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ކޮވިޑް ބަލީގައެވެ. އެހެންނަމަވެސް އުމުރުން ދުވަސްވެފައިވުމާއެކު، ކޮވިޑް ބަލިން ރަނގަޅުވިނަމަވެސް ލަތާގެ ސިއްހީ ގިނަ މައްސަލަތަކެއް ހުރިކަން އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.
ލަތާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާގެ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ވެންޓިލޭޓަރުން ނަގައިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ލަތާ މަރުވުމާ ގުޅިގެން ބޮލީވުޑުގެ ގިނަ ފަންނާނުން، އަދި ފޭނުން ދަނީ މީސް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
މުޅި އިންޑިއާގައިވެސް އެފަދަ ދެވަނައެއް ނެތް ލަތާ މިހާތަނަށް 1000 އަށް ވުރެ ގިނަ ފިލްމަށް ލަވަ ކިޔައިދީފައިވެއެވެ. ލަތާ ފިލްމަކަށް އެންމެ ފަހުން ލަވަކިޔައިދީފައިވަނީ 2004 ވަނަ އަހަރު ނިކުތް ވީރުޒާރާއަށެެވެ. އޭރު އޭނާއަށް 75 އަހަރެވެ.
އިންޑިއާގެ ރައްޔިތުންނަށްދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑް 2001 ވަނަ އަހަރު ލަތާއަށް ވަނީ ލިބިފައެވެ.