އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ފަހަތުން އަރައި ފުލްހަމް ބަލިކޮށް މެޗެސްޓާ ސިޓީއިން ފަސްވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ސިޓީގެ އެތިހަޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ސިޓީއިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ ހަތަރު ވަނަ މިނެޓުގައި ފުލްހަމުން ލަނޑެއް ޖަހައި ސިޓީ ސިއްސުވާލިއެވެ. ސިޓިގެ އޭރިއާ ތެރެއަށް ވަދެ ހެރީ ވިލްސަން ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފަބިއޯ ކަރްވާޅޯއެވެ.

އޭގެ ދެ މިނެޓު ފަހުން މެޗުގެ ހަ ވަނަ މިނެޓުގައި ސިޓީއިން ލަޏޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ފުލްހަމްގެ އޭރިޔާ ތެރެއިން ރިޔާދް މަހްރޭޒް ދިން ޕާހަކުން ބޯޅަ ގޯލަށް ފޮނުވާލީ އިލްކޭ ގޮންޑޮގަންއެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ކޯނަރެއްގައި ކެވިން ޑިބްރައިނާ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ސިޓީގެ ދެ ވަނަ ލަނޑު ޖަހައިދިނީ ޖޯން ސްޓޯންސް އެވެ.

ލީޑުގައި އޮވެ ސިޓީއިން ފުލްހަމްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ސިޓީއަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ފުރަތަަމަ ޙާފު ނިމުނީ 2-1 އިން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 51 ވަނަ މިނެޓުގައި ފުލްހަމްގެ އޭރިޔާ ތެރެއިން ސިޓީގެ ޖެކް ގްރީލިޝް އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޓީމަށް ލިބުނު ޕެެނަލްޓީ ފޮނުވާލީ މަހްރޭޒެވެ. 53 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ކަނަށެވެ.

އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ޑިބްރައިނާ ދިން ޕާހަކުން ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް މަހްރޭޒެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބުކުރި ދެ ވަނަ ލަނޑެވެ. މި ނަތީޖާ އެ ގޮތުގައި އޮވެ މެޗު ނިމުނީ ފުލްހަމްގެ މައްޗަށް ފަހަތުން އަރައި ސިޓީއިން ކުރި ހޯދައިގެންނެވެ.

އެފްއޭ ކަޕުގައި މިރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ކްރިސްޓަލް ޕެލޭސް އަދި ހާާޓަލްޕޫލް ޔުނައިޓެޑް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ ޕެލޭސްއެވެ. އެވަޓަންްްއާއި ބްރެންޓްފޯޑު ބައްދަލު ކުރި މެޗު 4-1 އިން ކާމިޔާބުކުރީ އެވާޓަންއެވެ. ސައުތަންޕްޓަން އަދި ކޮންވެންޓްރީ ސިޓީ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ސައުތަންޕްޓަން އެވެ.