ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުނުކޮށްފިނަމަ ދެން އެމްޑީޕީ ވެރިކަމުގައި ނުތިބޭނެކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕެއްގައި އެމަނިކުފާނު ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާ 50 ޕަސެންޓު ހުރަސް ނުކުރި ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފި ނަމަ އެމްޑީޕީ ވެރިކަމުގައި ދެން ނުތިބޭނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޝުކުރިއްޔާ. އެކަމް 50 ޕަސެންޓު ހުރަސް ނުކުރި. ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތައީދުކުރައްވައި ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުން ބޭއްވި 'އާސްކް ސްޕީކާ' ޕްރޮގްރާމެއްގައި އެމަނިކުފާނު ވަނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެއްވަފާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިސްނަވައިގެން ހުރީ 2023 ގެ އިތުރަށް ރިޔާސީ ނިޒާމް ކުރިއަށް ނުދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ކަން، ކޯލިޝަން ޕާޓީތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓި ފިޔަވައި އަދާލާތު ޕާޓީ އާއި އެމްއާރްއެމްއިން ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއިރު އެއްބަސްވެފައިވާ ކަމަށެވެ.