މަސްވެރިންނަށް ހާއްސަ އެޕެއް މިއަހަރު ކުރީކޮޅު ތައާރަފްކުރާނެކަމަށް މިފްކޯގެ މެނޭޖިން ޑިރެކަޓަރު އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މި އެޕާއެކު މަސްވެރިންގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނެކަމުގައެވެ. އަދި ބިލުގެ ތަފްސީލާ އެކު މަސްވެރިންނަށް އިތުރު ހިދުމަތެއް ފޯރުކޮށްދިންނަމަ އެ ހިދުމަތުގެ ތަފްސީލުވެސް މި އެޕުން ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ސެންޓަރުތަކުން އަޅުގަނޑުމެން މަސްވެރިންނަށް ދޭ ތެލާ ފެނާ އަދި އިތުރަށް މަސްވެރިންގެ ރިކުއާމެންޓް ދޯންޏަކަށް ދޭ ކަމަށް ވަންޏާވެސް އަޅުގަނޑުމެން އެ ޚިދުމަތްވެސް ސްމާޓް ފޯނުން ބިލްތައްވެސް ފެންނަގޮތަށް އަދި ހިސްޓްރީވެސް ފެންނަގޮތަށް އަދި އޮޑިވެރިޔާއަށް ވެސް މަސް ކިރުވީމަ އޭގެ ތަފްސީލު ވެސް ދުވަހުން ދުވަހަށް ފެންނަގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސްވެރިންގެ ޚިދުމަތް ޓެކްނޮލޮޖީއާއެކު ފުޅާކުރާނަން،" ފައުޒީ ވިދާޅުވިއެވެ.

މި އެޕާއެކު ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް މިފްކޯގެ ބިލްތަށް ބަލާލެވޭނެކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ. އަދި މި އެޕު މެދުވެރިކޮށް މިފްކޯގެ ވަސީލަތްތަކުގައި ޖާގަހުރި މިންވަރުވެސް ފެންނާނެކަމަށާއި އެހެންކަމުން ދެން ޖާގައޮތް މިންވަރު ބަލަން މިފްކޯގެ އެކި ސެންޓަރުތަކަށް ގުޅާކަށް ނުޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމީދޫ އާއި ކޫއްޑޫ މަސްފެކްޓްރީގައި އާ ސްޓޯރޭޖް ސްޕޭސްތަކެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ހުޅުމީދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ މަސްވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުރި. އޭގެ ތެރޭގަ މީދޫއިން މަސްކިރުމުގަ ދަތިތަކެއް އެބަހުރި. އެއީ ބަނދަރުގެ ދަތިކަން. އެތަން އިރާދަކުރެއްވިއްޔާ ތަރައްގީ ކުރެވޭއިރު ރާއްޖޭން ބޭރުން އަންނަ ކެރިޔަރުތަކަށް ލޯޑުކުރުމުގެ ގާބިލުކަންހުރި ފާލަމެއް އިރާދަކުރެއްވިއްޔާ އެތާ ގާއިމްކުރެވޭނެ. އެއާ އެއްކޮށް ވަދެ ނުކުންނަން ރަނގަޅު ބަނދަރެއް އެތާ ގާއިމް ކުރެވޭނެ މަސްވެރިންނަށް ފަހި ކޮށް ޚިދުމަތް ދިނުމަށްޓަކާ،" އޭނާ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ގިނަ ދުވަހަށް ދެމެހެއްޓުމަށް ރާއްޖޭގެ އެކި ރަށްރަށުގައި 22 އައިސްޕްލާންޓުގެ މަސައްކަތް ވެސް މިއަހަރުތެރޭ ފެށޭނެކަމަށް ފައުޒީ ވިދާޅުވިއެވެ.