06 Feb 2022, 08:47
އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ އިން ކާމިޔާބު ލިބުނީ އިދިކޮޅަށް ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ އެމްޑީޕީން ކަފުންކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރަކަށް ހުންނެވި، އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އިއްޔެ ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އޭނާއަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ. ރާޝިދާ އެންމެ ކައިރިން ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ, 1،161 ވޯޓެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ, ޕީޕީއެމް އިން މި އިންތިހާބާ ކުރިމަތިލީ ގިނިކަންޏާކަމަށާއި އެމްޑީޕީން ކުރިމަތިލީ މުޅި ދައުލަތުގެ އިތުރުން ބޮޑު ކޯލިޝަނަކާ އެކުގައި ކަމަށެވެ. ނަމަވެސް އެމްޑީޕީން ކުރިން ހޯދާ ވޯޓާ ގާތަށް ވެސް މި އިންތިހާބުގައި ވޯޓު ހޯދިފައި ނުވާކަމަށް ޖަމީލް ވިދާޅުވިއެވެ.
"ޕީޕީއެމަށް މި ލިބުނީ ކާމިޔާބީއެއް. 2023 އަށްޓަކައި ރަނގަޅު ފާލެއް އޮތްކަމަށް ފެނިގެން މިދިޔައީ. އެއީ އެހެން ހުރިހާ މީހުން އެއްގަލަކަށް އެރީމަވެސް ހަގީގަތުގައި އިންތިހާބު ތެރޭގައި ފެނުނު މަންޒަރަށް ބަލާއިރު މި ރާއްޖޭގެ ރިޔާސީ އިންތިހާބް ޕީޕީއެމަށް ކާމިޔާބު ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ," ޖަމީލް ވިދާޅުވިއެވެ.
އިންތިހާބުގެ ޝަކުވާ ބެލުމުގެ ޒިންމާ އޭސީސީއަށް މަތިކޮށްފައިވާއިރު, އެ ކޮމިޝަން އޮތީ ޕެރެލައިޒް ވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ޣައިރު ގާނޫނީ ގޮތުން ބާރުގެ ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ކެމްޕެއިން ކުރީ. އެ ޝަކުވާ ބަލާނެ މެކޭނިޒަމް އޮތީ ޕެރެލައިޒްކޮށްފައި. އޭސީސީ ވުޖޫދުގައި ނުބާއްވާ. އާންމު އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން ވެސް އޭސީސީ ވުޖޫދުގައި އޮންނަން ޖެހޭ," ޖަމީލް ވިދާޅުވިއެވެ.
އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާއަށް ބޮޑެތި ޕްރޮޖެކްޓްތަކެއް ފަށާފައިވާއިރު އެއީ ނުފޫޒުފޯރުވުމުގެ އަމުލަތެއްގެ ގޮތުގައި ޖަމީލް ވަނީ ސިފަކުރައްވާފައެވެ. އަދި ވިދާޅުވީ, އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކަކަށް ނުވާ ނަމަ އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާނެ އިތުރު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"އެހެންވީމަ ހަގީގަތުގައި މީގެން އެނގިގެން ދިޔައީ ރާއްޖޭގެ ޑިމޮކްރެސީ ޅަފަތުގެ ދުވަސްތައް ފަހަނައަޅައި މެޗުއަރިޓީއާ ހަމައަށް ދިޔައިރު ޑިމޮކްރެސީ މުޑުދާރުކޮށްފި އެމްޑީޕީ އައިސްސަ. މިީތި ކަފުންކޮށްފި އަސްލު ހަގީގަތުގައި އެމްޑީޕީން," ޖަމީލް ވިދާޅުވިއެވެ.
މިއަދު ބޭއްވި އިންތިހާބް, ޖަމީލް ސިފަކޮށްފައިވަނީ ނޯތު ކޮރެއާ އާއި އެފްރިކާގެ އެންމެ ނާތަހުޒީބު ގައުމުތަކުގައި ބާއްވާ ފަދަ އިންތިހާބެއްގެ ގޮތުގައެވެ. ސަބަބެއް ކަމަށް ޖަމީލް ވިދާޅުވީ, ކިތަންމެ ޝަކުވާއެއް ކުރި ނަމަވެސް އެ ޝަކުވާތައް އަޑުއަހާނެ ފަރާތެއް ނެތުމެވެ.
"ގާނޫނު އަސާސީ ކަނޑައަޅާފަ އޮތް އެއްވެސް ކަހަލަ މުއައްސަސާއެއް ވުޖޫދުގައެއް ނެތް. އެތަންތަނުން އެކަން ބެލޭނެ ގޮތެއް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ޑިމޮކްރެސީ އޮތް ހާލަތާ ފޭރާން ދަށްވެފައި އޮތް މިންވަރު މި އިންތިހާބުގެ ތެރެއިން އެނގިގެން މިދިޔައީ," ޖަމީލް ވިދާޅުވިއެވެ.