މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ކާމިޔާބު ލިބުނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނަށް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން ކުރި ހޯދައިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ.

ކޮމަންޑޫ ދާއިރާއިން އިދިކޮޅަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުގެ އިންތިހާބަކީ ޕީޕީއެމަށް ލިބުނު ކާމިޔާބީއެކޭ ބުނަން ޖެހޭ ސަބަބުތައް ގިނަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި އިންތިހާބާ ގުޅިގެން ފެނުނީ ދައުލަތުން ސަރުކާރުގެ ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދިޔަ ތަން ކަމަށެވެ.

"ފާޅުކަން ބޮޑު ގޮތެއްގައި، އެއްވެސް ގާނޫނަކަށް ގަވައިދަކަށް ބެލުމެއް ނެތި އެ ބޭފުޅުން ގެންދިޔައީ މަސައްކަތްތަކެއް ކުރަމުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރަށްރަށަށް ތަރައްގީ ގެނައުމަކީ ޕީޕީއެމުން ވެސް މަރުހަބާ ކިޔާނެ ކަމެއް ކަމަށާއި އެހެންނަމަވެސް ފެނުނީ ގާނޫނުތަކާ ހިލާފަށް ކަންކަން ކުރިތަން ކަމަށެވެ. އެގޮތުން އިންތިހާބާ ދިމާކޮށް އުސޫލުން ބޭރުން ވަޒީފާތައް ދީ، މަޝްރޫއުތައް ފެށި މަންޒަރު ފެނުނު ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހިސާބު ޖަހާލާއިރު ބިލިއަނެއްހާ ރުފިޔާ، ކޮމަންޑޫ ދާއިރާއަށް މި އިންތިހާބާ ގުޅިގެން ވަނީ ކަނޑައަޅައި ހޭދަކުރަން ފަށާފަ. އެހެންވީމާ ކޮމަންޑޫ ދާއިރާގެ އާބާދީއަށް ބަލާއިރު ބޮލަކަށް ތިން ލައްކަ ރުފިޔާ ހޭދަކުރަން ފަށާފަ މިވަނީ. ފަށާފައޭ މި ދަންނަވާ ސަބަބަކީ އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ވެގެން ދާ ގޮތް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އިންތިހާބަށް ކުރި ހުރިހާ ހަރަދަކަށް ފަހު ވެސް އެމްޑީޕީއަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށެވެ.

"ފެނިގެން މިދިޔައީ އެންމެ 230 އެއްހާ ވޯޓު، ހަތް ޕަސެންޓުގެ ތަފާތެއް އެކަނި ގެނެވިގެން ދިޔަ ތަން، އެއީ ހަގީގަތުގައި ވެސް މި ސަރުކާރު އެ ކަމަށް ޓަކައި ލަދު ގަންނާނެ ކަމެއް." މުއިއްޒު ވިދާޅުވިއެވެ.

"މުޅި ދައުލަތް އެއްކޮށް މަސައްކަތް ކޮށްގެން ވެސް، ރައީސް ޔާމީން ގިނިކަންޏާ ކުރެއްވި މަސައްކަތުން އެ ބޭފުޅުންނަށް ފާހަގަ ވެގެން ދިޔައީ މި ގައުމުގެ ރައީސް ޔާމީނަށް އޮތް ތާއީދު،" މުއިއްޒު ވިދާޅުވިއެވެ.

މި އިންތިހާބަކީ އިދިކޮޅު ކޯލިޝަނުން ހިތްވަރު ލިބިގަނެ، ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ގައުމުގެ ކަންކަމައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް މުއިއްޒު ވިދާޅުވިއެވެ.