މޮސްކޯ (5 ފެބްރުއަރީ 2022): ޔުކްރޭންގެ މައްސަލާގައި ރަޝިއާއާއި އެމެރިކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް ރަޝިއާއިން އަސްކަރީ ސެޓަލައިޓެއް ފަޒާއަށް ފޮނުވައިފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ އަސްކަރީ ސެޓަލައިޓް ފަޒާގެ އޯބިޓެއްގައި ބެހެއްޓީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ ސެޔޯޒް ޓޫ ވަން އޭ މަރުކާގެ ރޮކެޓެއް ބޭނުންކޮށްގެންނެވެ. އަޑަށްވުރެ އެތަށް ގުނައެއް ބާރަށް ދަތުރުކުރާ ރޮކެޓް ބޭނުންކޮށްގެން ނޫނީ ފަޒާގެ އޯބިޓެއްގައި ސެޓަލައިޓް ނުބެހެއްޓޭނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

މިއީ އަސްކަރީ މައުލޫމާތު ހޯދުމާއި ސިފައިން ތިބޭތަންތަނާއި ހަތިޔާރު ހުންނަ ތަންތަން ދެނެގަތުމުގެ ގާބިލްކަން ލިބިފައި ވުމުގެ އިތުރުން އެކަންކަމާބެހޭ މައުލޫމާތާއި ފޮޓޯއާއި ވީޑިއާ ނަގައި ބިމުގައިވާ ސްޓޭޝަންތަކަށް ފޮނުވުމަށް ޚާއްސަ ކޮށްގެން އުފައްދާފައިވާ ބާރުގަދަ ސެޓަލައިޓެއްކަމަށް ރަޝިއާގެ މީޑީއާ ބުނެއެވެ. ރަޝިއާގެ އަސްކަރީ ޓީވީ ޗެނެލް އެއްކަމަށްވާ 'ޒެވެޑްޒާ" އިންވަނީ ސެޓަލައިޓާއެކު ސެޔޯޒް ރޮކެޓް ފަޒާއަށް ފޮނުވި މަންޒަރު ދައްކާފައެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހު ރަޝިއާއިންވަނީ އަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ޒިރްކޯން މަރުކާގެ ރޮކެޓެއް ފުރަތަމަ ފަހަރަށް ތަޖްރިބާކޮށްފައެވެ. އެރޮކެޓް ބޭނުންކޮށްގެން ރަޝިއާވަނީ ފަޒާގައިވާ ރަޝިއާގެ ބައު މިސައިލެއް ކާމިޔާބުކަމާއެކު ގޮއްވާލާފައެވެ. މިއީ ފަޒާގެ އޯބިޓްތަކުގައި ދަތުރުކުރާ ޖައްވީ ސްޓޭޝަން ނުވަތަ ސެޓަލައިޓްތައް ގޮއްވާލުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން ރަޝިއާގެ ކިބާގައި ހުރިކަން އެމެރިކާއަށް ދައްކާލުމަށް ރަޝިއާ ކުރި ތަޖްރިބާއެއްކަމަށް މުހައްލިލުން ސިފަކޮށްފައިވެއެވެ.

އެމެރިކާވަނީ ރަޝިއާގެ އެތަޖްރިބާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ނަމަވެސް ޚުދު އެމެރިކާއަކީވެސް ފަޒާގެ އޯބިޓްތަކުގައި ދަތުރުކުރާ ޖައްވީ ސްޓޭޝަން ނުވަތަ ސެޓަލައިޓްތައް ގޮއްވާލުމުގެ ތަޖްރިބާ ކުރިން ކޮށްފައިވާ ގައުމެކެވެ. ނަމަވެސް އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރަ ރޮކެޓެއްވެސް މިސައިލެއްވެސް އެމެރިކާއަށް އަދި އުފެއްދިފައެއް ނުވެއެވެ. ޗައިނާވެސް ދާދިފަހުންވަނީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ ހައިޕަ ސޮނިކް މިސައިލެއް މިދިޔައަހަރުގެ ފަހުކޮޅު ތަޖްރިބާކޮށްފައެވެ.

އެމެރިކާ ގެންދަނީ ރަޝިއާއިން ޔުކްރޭނަށް އަރައިގަންނަން އުޅޭކަމަށް ބުނެ ޔުކްރޭނަށް ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދީ އަދި ރަޝިއާއާ އިންވެގެން އޮންނަ ބޯލްޓިކްގެ ގައުމުތަކަށާ އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް އެމެރިކާގެ ސިފައިން ފޮނުވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ރަޝިއާ ބުނަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ރޭވުމެއް ނެތްކަމުގައެވެ.

ޔުކްރޭނާއި ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައިވަނީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ސަރަހައްދު ފުޅާކުރަން އެމެރިކާ ކުރާ މަސައްކަތްތަކާ ދެކޮޅަށް ރަޝިއާގެ ދިފާއުގައި ކަމަށްވެސް ރަޝިއާ ބުނެއެވެ.