12 Mar 2012, 14:00
ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓާ ނޮބްހީޓޯ ހޯބޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު ވަހީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާބެހޭ މައުލޫމާތު ޖަޕާނު ސަފީރާއެކު ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މައްސަލަތަށް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ކަމަށެވެ. އަދި އަވަސް އިންތިޙާބަކަށްވެސް ތައްޔާރަށް ހުންނެވި ކަމަށާއި، އެހެންނަމަވެސް މިކަން ކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާޙް ކޮށްގެން ކަމުގައި ރައީސް ޗަޕާނު ސަފީރުގެ އަރިހުގައި ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ޖަޕާނަށް އައި ސުނާމީ ކާރިޝާއަށް އިއްޔެ އެއް ފުރިވާތީ އެކަން ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ގައުމު ބިނާކުރުމަށް ޖަޕާނު ސަރުކާރާއި ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާ ކަމަށާއި ޖަޕާނުގެ މި ތަޖުރިބާއިން މުޅި ދުނިޔެއަށްވެސް ރަނގަޅު ފިލާވަޅެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި މިފަދަ ކާރިޝާތަކުން އަރައިގަތުމަށް ދެވޭ ތަމްރީންތަކުގައިވެސް ޖަޕާނުގެ ތަޖުރިބާގެ ބޭނުން ހިފިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުގައި ސަފީރު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މިކަމުގައި މަޝްވަރާގެ މުހިންމުކަން ސަފީރުވެސް ފާހަގަކުރެއްވި އެވެ.