20 Jul 2010, 15:02
19:00
ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފިލުވައިލުމަށް ދެ ފަރާތުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަތައް ހައްލު ކުރުމަށްޓަކައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ރާއްޖެއަށް މަންދޫބަކު ފޮނުވަން އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރަސްމީ ވެބްސައިޓުގައި އިއްޔެ ބުނެފައިވަނީ، އެމެރިކާގެ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވާނީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ރޮބެޓް ބްލޭކް ކަމަށެވެ. އެމެރިކާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މީގެކުރިން މަސައްކަތްކުރައްވާފައިވާ ރޮބެޓް ބްލޭކް އަންނަ ބުރާސްފަތި ރާއްޖެ ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ވާދަވެރި ސިޔާސީ ޕާޓީތަކާއި އަދި ދީނީ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
ރޮބަޓް ބްލޭކްގެ މި ދަތުރުފުޅާ ގުޅޭ މާބޮޑު ތަފްސީލެއް ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް ވެބްސައިޓުގައި ނެތް ނަމަވެސް، ބައިނަލް އަގްވާމީ ނޫސް އޭޖެންސީ އޭ.އެފް.ޕީން ބުނެފައިވާ ގޮތުގައި، ބްލޭކްގެ މި ދަތުރުފުޅުގެ މަގުސަދަކީ ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް ދެ ފަރާތާއެކު ވާހަކަދައްކަވާ، ހޫނުވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އިސް މަންދޫބަކު ރާއްޖެ ފޮނުއްވުމަށް ނިންމަވައިފައި މިވަނީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް ބޭރުގެ ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމެރިކާއިން ގޮވާލުމަށްފަހުގަ އެވެ.
ސިޔާސީ ފަރާތްތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް ރާއްޖެ ވަޑައިގަންނަވާ ރޮބެޓް ބްލޭކްގެ ދަތުރުފުޅާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހޯދުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރަށް ގުޅާލުމުން، ފޯނަށް ޖަވާބުނުދެއްވާތީ މިކަމުގައި އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެންނަމަވެސް، މިއަދު ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޒުހެއިރު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކަނޑައަޅާކަމަށް ވަނީނަމަ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ވާހަކަދެއްކުމަށް ސަރުކާރަށް ދަތިވާނެ ކަމަށެވެ.
އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެފައިވަނީ، އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިފައިންގެ ބެލުމުގެ ދަށުގައި ހުރުމަކީ ސަރުކާރާއެކު މަޝްވަރާކުރުމަށް އެކަށީގެންވާ މާހައުލެއް އުފެދޭ ކަމެއް ނޫން ކަމަށެވެ.
ވާދަވެރި ސިޔާސީ ލީޑަރެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިމާޔަތްދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކަކަށްފަހުގަ އެވެ.