05 Feb 2022, 21:45
އިނގިރޭސި އެފްއޭ ކަޕުގައި މިރޭ ކުޅުނު މެޗުގައި އިތުރު ވަގުތައި ޕްލީމައުތް ބަލިކޮށް ޗެލްސީން މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖް ގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށްޓަކައި ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ.
މެޗު ފަށައިގެން ފުރަތަަމަ ލީޑު ނަގާފައިވަނީ ޕްލީމައުތުންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޖޯޑަން ހައުޓަން ނަގައިދިން ބޯޅައެއް ބޯޅަ ޗެލްސީގެ ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އެމް ގިލެސްފޭއެވެ.
ލީޑުގައި އޮވެ ޕްލީމައުތުން ކުޅެމުން ދަނިކޮށް ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 41 ވަނަ މިނެޓުގައެވެ. ޕްލީމައުތުގެ ޕެނަލްޓީ އޭރިޔާ ކައިރިން މޭސަން މައުންޓް ދިން ބޯޅައެއް ފައިން ތިރި ތިރިން ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ސެސާ އަޒްޕިލިކުއޭޓާއެވެ.
މި ނަތީޖާއާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ޗެލްސީން މެޗުގައި ލީޑު ނަގަން ވަރަށް މަސައްކަތް ކުރިއެވެ. އަދި ލީޑު ނަގާނެ ރަނގަޅު ފުރުސަތު ތަކެއް އެ ޓީމަށް ވަނީ ލިބިފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ހަކިމް ޒިޔެކް ގޯލު ކުރި މައްޗަށް ދިން ބޯޅައަށް ރޮމެލޫ ލުކާކޫ އަށް ކުޅޭވޭ ގޮތެއް ނުވިއެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ލުކާކު ދިން ބޯޅައަކުން މައުންޓް ބަރު ހަމަލާއެއް ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ޕްލީމައުތުގެ ކީޕަރުގެ އަތުޖެހިފައި ގޯލު ދަނޑި މަތިން ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އެއްވަރުވެފައި ވުމުން ނަތީޖާ ނެރުމަށް ވަނީ 15 މިނެޓުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޗެލްސީން ލަނޑެއް ޖަހައި ލީޑު ނެގުމަށް މަސައްކަތް ކުރަމުން ގޮސް 105 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގިއެވެ.
ޕްލީމައުތުގެ ގޯލު އޭރިޔާ ތެރެއިން ޗެލްސީގެ ކައި ހަވާޓެޒް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ މާކޮސް އެލޮންސޯއެވެ. މެޗުގެ 118 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ޕްލީމައުތަށް ޕެނަލްޓީއެއް ލިބުނެވެ. ރިޔަން ހާޑީ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު މިރޭގެ މެޗު ނިމުނީ 2-1 އިން ޗެލްސީން މެޗު ކާމިޔާބުކޮށް މުބާރާތުގެ ފަސް ވަނަ ބުރުން ޖާގައެއް ހޯދައިގެންނެވެ.