ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްގެ ބައްޕަ ގ. ހިލްމަން، އަބްދުލްގުއްދޫސް އިބްރާހިމް އަވަހާރަވެއްޖެއެވެ.

ގުއްދޫސް އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ގުއްދޫސް އަވަހާރަވީ އުމުރުން 82 އަހަރުފުޅުގައެވެ.

ގުއްދޫސް އަކީ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެއްގެ އިތުރުން ސަރުކާރަށް ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ޝިޕިން ސިނާއަތުގައި މަސައްކަތް ކުރެއްވި ވިޔަފާރިވެރިއެއްގެ އިތުރުން އިންޑިއާ އާއި ސްރީލަންކާއާ ދެމެދު ބޯޓު ދުއްވި ވިޔަފާރިވެރިއެކެވެ.

މީގެ އިތުރުން ގުއްދޫސް އަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން 1980ގެ އަހަރުތަކުގެ ތެރޭގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދެވި އިރު އެ ކުލަބަށް ގުއްދޫސް ވަނީ ޚަރަދުކޮށްދެއްވާފައެވެ.