ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ އައި ބްރެޒިލް ދެ މީހުން އަތުން ކަމަށެވެ. އެއީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ.

ކަސްޓަމްސްއިން ބުނީ މި ދެ މީހުންގެ އަމަލުތަކާ މެދު ޝައްކުވެގެން، އެ ދެ މީހުންގެ ލަގެޖު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މީހުންގެ ލަގެޖުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއެވެ.

ފިރިހެން މީހާގެ ލަގެޖުން ފެނުނު ކޮކެއިންގެ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި އިރު، އަންހެން މީހާގެ ލަގެޖުގައި 2.503 ކިލޯގުރާމް މަސްތުވާތަކެތި ހުއްޓެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ މިތަކެތީގެ މަގުމަތީ އަގު 21.3 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މީގެ ކުރިން ވެސް ވައިގެ މަގުން ބްރެޒިލްއިން އައި ދެ މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވެސް ބްރެޒިލަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. އެ ދެ މީހުންގެ އަތުން 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތްއިރު، މައްސަލައިގެ އުންސުރު ހަމަ ނުވާތީ އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ.