ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު 3:35 ގައި މަރުވެފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނީ އެއީ 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 281އަށް އަރައިފައެވެ.

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓު ފެތުރި، ރާއްޖެއިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 1،955 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 599 މީހަކު ހިމެނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 17،735އެވެ. އޭގެ ތެރެއިން 56 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ.