12 Mar 2012, 14:00
ހިރިޔާ ސްކޫލްގައި އޮތް ރަސްމިއްޔާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވަޑައިގަތް ވަގުތު އެމްޑީޕީގެ އަންހެނުންތަކެއް އެސްކޫލް ކައިރީގައި މުޒާހަރާކޮށްފި އެވެ.
ހެނދުނު 11.00 އެހާކަންހާއިރު ރައީސް ޑރ. ވަހީދު ހިރިޔާ ސްކޫލަށް ވަޑައިގަތުމުގެ، ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ކުރިން ހިރިޔާސް ސްކޫލް ކުރިމައްޗަށާއި އެ ސްކޫލްގެ ކައިރީގައިވާ ބައެއް މަގުތަކަށް އެމްޑީޕީގެ ގިނަ އަދަދެއްގެ އަންހެނުން ޖަމާވެ، މުޒާހަރާ ކުރި އިރު ގޮވަމުން ދިޔައީ ޑރ. ވަހީދުގެ އިސްތިއުފާއަށާއި އަވަސް އިންތިހާބެއް ބޭއްވުމަށެވެ.
ހިރިޔާ ސްކޫލަށް ދެވެން ހުރި ހުރިހާ ގޯޅިއެއްގައި ފުލުހުން ބެރިކޭޑް ޖަހާ ބަންދުކޮށްފައި އޮތް ނަމަވެސް ރަސްމިއްޔާތަށް ވަޑައިގެންނެވި ބައެއް އިއްޒަތްތެރިން ސްކޫލަށް ވެދެވަޑައިގެންނެވި ވަގުތު ސްކޫލްގެ ކުރިމަތީގައި ވެސް ޑރ. ވަހީދުއާ އިދިކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިއްބެވެ.
ޑރ. ވަހީދު ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން ސްކޫލްގެ ކުރިމަތީގައި ތިބި އަންނެހުންތައް އެތަނުން ދުރަށް ޖެއްސި އިރު އޭގެ ތެރެއިން އެކަކު ހައްޔަރުކުރި އެވެ.
ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު އައިޖީއެމްއެޗާވީ ކޮޅުގައި ތިބި އަންހެނުންތައް ފުލުހުންގެ ސަފު ފޫއަޅުވާލާފައި ވަންނަން މަސައްކަތްކުރި އިރު ފުލުހުން ޕެޕާސްޕްރޭ ޖެހި ކަމަށާއި ބައެއް މީހުން ހައްޔަރު ވެސް ކުރި ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.
ފުލުހުން ބުނީ ހިރިޔާ ސްކޫލް ކައިރީ މިއަދު ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް އަންހެން ފުލުހުންނަށް އަނިޔާވި ކަމަށާއި މުޒާހަރާކުރި ބައެއް އަންހެނުން ފުލުހުންގެ ގަޔަށް ކުޅު ވެސް ޖެހި ކަމަށެވެ.
"ބައެއް އަންހެން ފުލުހުންނަށް އެކިވަރުގެ އަނިޔާ ވި، އެކަކުގެ ނިއްކުރިމަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައި. މުޒާހަރާ ކުރި ބައެއް އަންހެނުން ވަނީ ފުލުހުންގެ މޫނަށް ކުޅުވެސް ޖަހާފައި،" ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމު ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ.