ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮޅުވާނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބައި-އިލެކްޝަނާ ގުޅިގެން ކޮމަންޑޫގައި ހުންނަވައިގެން އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ އިންތިހާބުގެ ކަންކަން ދާއިރާގެ ރަށްތަކުގައި ކުރިއަށްދަނީ ވަރަށް އަމާންއޮމާން ކަމާއެކުގައި ކަމަށެވެ.

ފޯކައިދޫގައި ރޭ ހިނގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި، އާދަމް ޝަރީފް ވިދާޅުވީ އެއީ ސީދާ ސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއް ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ވެސް އިދިކޮޅުން އިސްކުރީ އާންމު މަސްލަހަތު ކަމަށް އޭނާ ވިދާޅުވިއެވެ.

"[ފޯކައިދޫގައި އެއީ] ހަމަ ސީދާ ސަރުކާރުން ހިންގި ޖަރީމާއެއް. އެހެން އެކަން ދިޔަ ކަމުގައިވީނަމަވެސް އަޅުގަނޑުމެން އިސްކުރީ އާންމު މަސްލަހަތު،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ ތަހުޒީބީ، ޑިމޮކްރެޓިކް ގައުމެއްގައި ސަރުކާރު ހިންގާ މައި ޕާޓީން ވޯޓުލާ ސަރަހައްދުގައި މިފަދަ އަމަލުތައް ހިންގުމަކީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ލަދުހުތުރު އަމަލުތަކެއް، ވަރަށް ނާތަހުޒީބު ކަންތައްތަކެއް. އެ ކަންތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން. އެ ކަންތައްތައް ނުކުރަން އަޅުގަނޑުމެން ގާނޫނު އަސާސީގެ ދަށުން މަލްޓިޕާޓީ ޑިމޮކްރެސީ ހަދައިގެން މިއުޅެނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

"ތިން ޕާޓީ ވާދަކުރާއިރު ކީއްވެތޯ އަޅުގަނޑުމެން އާންމު މަސްލަހަތު ގެއްލޭ ގޮތަށް، ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް އަމަލުކުރަންވީ،"

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިދިކޮޅުން އިންތިހާބު ހިނގަމުން އަންނަ ގޮތަށް ފާރަލަމުން އަންނަ ކަމަށާއި އިންތިހާބު އޮޅުވާލުމުގެ ޖާގަ އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.

"އިންތިހާބު އޮޅުވައެއް ނުލެވޭނެ، އަޅުގަނޑުމެން މިދަނީ ފާރަވެރިވަމުން، އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓް" އާދަމް ޝަރީފް ވިދާޅުވިއެވެ.