އިގުތިސާދީ ގޮތުން ބަލާ އިރު އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ހަރަދުކުރުމަކީ ރާއްޖެ އިން ކުރަން ޖެހޭ އަސާސީކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. ވަހީދު މި މޭރުމުން ވާހަކަ ދެއްކެވީ ޖަޕާނު ސަރުކާރުގެ އެހީއާ އެކު ހިންގާ ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި ހަކަތަ އުފެއްދުމުގެ މަސައްކަތް މާލޭގައި ޕްރޮމޯޓް ކުރުމުގެ މަޝްރޫއުގެ ދަށުން ހިރިޔާ ސްކޫލްގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ދިވެހިސަރުކާރާ ހަވާލުކުރުމަށް މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ ބޮޑު ޕަސެންޓެއް ތެލަށް ހަރަދުވާ ކަމަށާއި އެހެންވީމާ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓް ކުރުމަކީ އިގުތިސާދީ ގޮތުން ރާއްޖެ އިން ކުރަން ޖެހޭ އަސާސީ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ޖީޑީޕީގެ ބޮޑު ޕަސެންޓެއް ހަރަދުކުރަން ޖެހެނީ ޑީސަލް އެތެރެކުރުމަށް. އެހެންވީމާ އިއާދަކުރަނިވި ހަކަތަ އަށް ހަރަދުކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރުން އިގުތިސާދީ ގޮތުން ވެސް ރާއްޖެ އިން ކުރަން ޖެހޭ އަސާސީ ކަމެއް،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކުވެރި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތައް ވެސް އެކަމަށް ޝައުގުވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަބަހިޓޯ ކޯބޯއާއި ޖައިކާގެ އިސް ވެރިންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

މިދިޔަ އަހަރު ޖަޕާނަށް އައި ބިންހެލުމާއި ސުނާމީ ކާރިސާއަށް އަހަރެއް ފުރުން ފާހަގަކުރުމުގެ ގޮތުން ރަސްމިއްޔާތުގައި ސްކޫތެއް ވެސް ގެނަ އެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ރައީސް އޮފީހާއި ސޯޝަލް ސެންޓަރާއި ކަލާފާނު ސްކޫލުގެ ފުރާޅުގައި ކުރިން ވަނީ ސޯލާ ޕެނަލް ހަރުކޮށްފަ އެވެ.