04 Feb 2022, 23:54
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް، ށ. ފޯކައިދޫއަށް ދިޔަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތިބެން ހަމަޖެއްސި ގެސްޓު ހައުސްއާ ގުޅިގެން އެ ރަށުގައި މައްސަލަ ހޫނުވެއްޖެއެވެ.
އީސީގެ އޮފިޝަލުން އެ ރަށުގައި ތިބެން ހަމަޖައްސައިފައިވަނީ އެމްޑީޕީގެ މަސްލަހަތު އޮންނަ ކަމަށް ބުނާ ސަންސެޓް ގެސްޓުހައުސްއެވެ.
އީސީގެ އޮފިޝަލުން އެ ތަނުގައި ތިބުމާ ގުޅިގެން އިދިކޮޅު ޕީޕީއެމަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ މިރޭ އެ ސަރަހައްދަށް އެއްވެ، އަޑު އުފުލައި، ހަމަނުޖެހުން ހިންގައިފައެވެ.
މިކަމާ ގުޅިގެން އީސީގެ ރައީސް ފުވާދު ތައުފީގު މިރޭ "ސަން"އަށް ވިދާޅުވީ އީސީގެ އޮފިޝަލުން ތިބޭނެ ތަނެއް ހަމަޖެއްސީ އެ ރަށު ފޯކަލް ޕޮއިންޓުން ކަމަށެވެ.
"އިލެކްޝަންސްގެ ކޮމިޝަންގެ އޮފިޝަލުން އެކޮމޮޑޭޓް ކުރެވިފަ ތިބީ އެމްޑީޕީ ބައެއްގެ ގެސްޓު ހައުސްގަ ކަމަށް، އަޅުގަނޑުމެން އެކޮމޮޑޭޝަން ހަމަޖައްސައިފައިވަނީ، ކޮންމެ ރަށެއްގައި ވެސް ހުންނަ ފޯކަލް ޕޮއިންޓު މެދުވެރިކޮށް،" ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ އެ ތަނަކީ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ހަމަޖެއްސި ތަނަކަށް ވުމާއެކު، އީސީއަށް ވެސް ގަބޫލުކުރެވިފައި އޮތީ އެ ތަނަކީ އެއްވެސް ޕާޓީއެއްގެ މަސްލަހަތު އޮންނާނެ ތަނެއް ނޫން ކަމަށެވެ.
އިދިކޮޅު ޕާޓިގެ ޝަކުވާތައް ލިބުމާއެކު، މިހާރު އޮފިޝަލުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފޯކައިދޫގައި ހަމަނުޖެހުން އުފެދެން މެދުވެރިވީ އީސީގެ އޮފިޝަލުން އެމްޑީޕީގެ ބައެއް އިސް މެންބަރުންނާ ބައްދަލުކުރުމުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން ފުވާދު ވިދާޅުވީ އިންތިހާބުގެ ކަންކަމަށް ރަށްތަކަށް ފޮނުވައިފައިވާ އޮފިޝަލުންނަށް، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރުންނާ ބައްދަލު ނުކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
"އޮފިޝަލުންނަށް ހަމަ ތަކުރާރުކޮށް، ފުރުމުގެ ކުރިން ވެސް އިރުޝާދު ދީފަ އޮންނާނީ، އެއްވެސް ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓެއްގެ އެއްވެސް މީހަކާ ބައްދަލުނުކުރުމަށް،" ފުވާދު ވިދާޅުވިއެވެ.
އޮފިޝަލުން އެއްވެސް ޕާޓީއެއްގެ ބަޔަކާ ބައްދަލުކުރިކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށާއި، އެފަދަ ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެ މައްސަލަ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައި-އިލެކްޝަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކުން ވެސް އެއްބާރުލުން ދިނުމަށް ފުވާދު ވަނީ އެދިވަޑައިގެންފައެވެ.