04 Feb 2022, 22:26
ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ އިތުރު ހަރަކާތްތަކުން ދަރިވަރުންގެ ކެރުންތެރިކަމަަށް ކުރިއެރުން ލިބޭ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެންޔޫގެ ދުރުމީ މަޖައްލާއަށް ޝަރީފް ވިދާޅުވީ މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތަކުގެ އެންމެ މުހިންމު އަމާޒަކަށް ވާން ވާނީ ވަށާ ޖެހޭ ތައުލީމެއް ކަށަވަރު ކޮށްދިނުން ކަމަށެވެ.
ތަޢުލީމު ލިބިގަތުމުގެ ތެރޭގައި ބޭނުންވާ ހުނަރާއި ޤާބިލް ސިފަތައް ހޯދާދީ ކުރިއަރުވާ މަގުކޮށުމަށް ހަމައެކަނި ކިލާހުގައި ލިބިގަންނަ ފިލާވަޅަކުން އެކަނި ފުރިހަމަ ނުކުރެވޭނެކަން އެކި މުފައްކިރުން ވެސް ސާބިތުކޮށްދީފައިވާ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"ކިލާހުން ބޭރުގައި، އެކިއެކި ޙަރަކާތްތައް ރާވާ އިންތިޒާމުކޮށް، ޢިލްމީ ބަހުސްތަކުގައި ބައިވެރިވެ، އަދި ތަފާތު ޚިޔާލުތައް ފައްކާކޮށް ތަރައްޤީކުރަން އެހެން ދަރިވަރުންނާއިއެކު ހޭދަކުރާ ވަގުތަކީ ބަދަހިކުރުމަށް އެކިގޮތްގޮތަށް ދަރުމައަށް މަސައްކަތްކުރުމަށް ތަރައްޤީކުރަން އެހެން ދަރިވަރުންނާއިއެކު ހޭދަކުރާ ވަގުތަކީ މަތީ ތަޢުލީމުގެ ތަޖުރިބާގެ ވަރަށް މުހިއްމު ބިންގަލެކެވެ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ޔުނިވާސިޓީއިން ދަރިވަރުންނަށްކުރާ ފައިދާތަކާއި، ދަސްވެ ތަރައްޤީވާ ހުނަރުތަކަށް ބަލާއިރު އޭގެ ތެރޭގައި ދޭދޭ މީހުންނާ މުޢާމަލާތުކުރުން، ހިންގުންތެރިވުން، މަޢުލޫމާތު ހޯދާ ދިރާސާ ކުރުން، މީހުންނާ އެކުގައި މަސައްކަތްކުރުން، އަމިއްލައަށް އިސްނެގުން އަދި އުފެއްދުންތެރި ބިނާކުރަނިވި ވިސްނުން ފަދަ ހުނަރުތައް ހިމެނޭ ކަމަށެވެ. އަދި މިއީ ވަޒީފާގެ މައިދާނުގައި ރަނާއި، މުތާއި ޖަވާހިރަށްވުރެ އަގުހުރި އެއްޗެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.
"ވަޒީފާގެ ބާޒާރުގައި ވަޒީފާ ދޭމީހުން ބަލާ އެންމެ މުހިއްމު އެއްކަމަކީ ވަޒީފާ ހޯދަން އަންނަ މީހާއަށް ލިބިފައިވާ ސަނަދުގެ އިތުރުން އެމީހަކަށް ލިބިފައިވާ ހުނަރުވެރިކަމާ ތަޖުރިބާތަކެވެ." ޝަރީފް ވިދާޅުވިއެވެ.
ޔުނިވާސިޓީ ދައުރުގައި އިތުރު ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ނަފްސް ތަރައްޤީއަށް އަދި ކެރުންތެރިކަމަށް ކުރިއެރުންތަކެއް ލިބިދޭ ކަމެއް ކަން ފާހަގަކޮށް ޝަރީފް އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށް އެކިގޮތްގޮތަށް ދަރުމައަށް މަސައްކަތްކުރުމަށް ފުރުޞަތު ލިބި ތަފާތު މިޒާޖުގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނާ ގުޅުންތައް ބަދަހިވެގެން ދާ ކަަމަށެވެ.
"މިފަދަ ގުޅުންތަކުން އަމިއްލަ ނަފްސު ތަރައްޤީވެ، ތިމާގެ ވިސްނުން ފުޅާވެ، ދުނިޔެއަށް ލޯހުޅުވި، މުސްތަޤުބަލަށް ފައިދާ ކުރާނޭ ޕްރޮފެޝަނަލް ވިޔުގަތަކެއް އުފެއްދުމަށް މަގުފަހިވެއެވެ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވަނީ މި ކަމާ ގުޅިގެން ޔުނިވާސިޓީގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް މެސެޖެއް ވެސް ދެއްވައިފައެވެ.
"އަޅުގަނޑު ތިޔަ ދަރިވަރުންނަށް ދޭނެ މެސެޖަކީ، މަތީ ތަޢުލީމަކީ ހަމައެކަނި ފޮތަކުން، ކިލާހަކުން، އެދުރަކުން، ސެޓިފިކެޓަކުން ނިންމާލެވޭނޭ ތަޖުރިބާއެއް ނޫންކަމެވެ. މި ތަޖުރިބާގެ މަންފާ އަދި ފުރިހަމަ ބޭނުން ކުރެވޭނީ ދަރިވަރުން އަމިއްލައަށް މިތަޖުރިބާ ފުޅާކުރަން މަސައްކަތްކުރިވަރަކުންނެވެ."